ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް މުޙައްމަދު ނަޝީދު
ތަޖުރިބާކާރު ބޭބޭފުޅުން މިއަދު ވިދާޅުވާ ގޮތުގައި ސަރުކާރުގެ ހިންގުމުގެ ތެރެއިން ކޮންމެ ކަމެއް ނިމިގެންދާއިރުވެސް މިއަދު ނަތީޖާ ފެންނަމުންދަނީ ހަރުދަނާ ކަމެއް ވިސްނުމެއް ފިކުރެއް ރޭވުންތެރިކަމެއް ނެތި ކުޅޭކުޅޭ ގޮތަށް ކަންކަން ނިމިގެންދާފަދަ މަންޒަރު ތަކެކެވެ.
ބަލައިލި ކޮންމެ ދިމާއަކުންވެސް ފެންނަމުންދަނީ ދުރުރާސްތާގެ ރޭވުންތެރިކަމެއް، ރަނގަޅު ވިލަރެސް ކުރުމެއްނެތި ކަންކަން ނިމިގެންދާ ކަމުގެ ހެކިތައް ކަމަށް އެފަދަ ބޭބޭފުޅުން ވިދާޅުވެއެވެ. އޮޅިގެންނާއި ފަރުވާ ކުޑަވެގެން ސަރުކާރަކުން ކަންކަން ކުރެވޭ ވާހަކަ ގައުމުގެ ވެރިޔާގެ ދޫފުޅުން ވިދާޅުވުމަކީ ސަރުކާރުގެ ތަސައްރަފު ފުދޭ މިންވަރާއިމެދު ސުވާލު އުފެދޭ ކަމެއްކަމަށް ތަޖުރިބާކާރު ފަރާތްތަކުން ވިދާޅުވާއިރު ކުރިމަތިން ސިފަވާ ރީތި ބޮޑު މަންޒަރަކީ ރޯނު އެދުރުގެ ލަފާގެ މަތިން ކަންކަން ނިންމަން ޖެހުމުން ދެން ކަންކަން ހިނގަމުންދާނެ މަގުކަމުގައި އެފަދަ ބޭބޭފުޅުން ވިދާޅުވެއެވެ.
މިއަދު މިފެންނަނީ އެއްވެސް ރޭވުންތެރިކަމެއް، ދުރުރާސްތާ ކުރެހުމެއް ނެތި އަޖުމަބެލުމުގެ ގޮތުން ނުވަތަ ތަޖުރިބާ ކުރުމުގެ ގޮތުން އެއްވެސް ތަޖުރިބާއެއް ނެތް ބަޔަކު ކަންކަން ކުރަމުން ގެންދާ އުސޫލުން ކަން ކުރަމުން ގެންދާ މަންޒަރު ކަމުގައި ތަޖުރިބާކާރު ބޭބޭފުޅުން ވިދާޅުވަނީ މިފަދަ ކަންކަން ތަކުރާރުވަމުންދާތީ ކަމުގައި ގަބޫލުކުރެވެއެވެ.
އެންމެ ފަހުން ފެންމަތިވި ފަލަސްތީނުގެ މައްސަލައިގާ ދިވެހި ސަރުކާރުން ކަންކުރި ގޮތާއިމެދު ވިސްނާލުމުންވެސް މިއީ މިއަދު ގައުމުގައި ކަންހިނގަމުންދާ މަގު ކަމުގައި ކަށަވަރުވެ ޔަގީންވެއެވެ. ގައުމުގެ ވެރިމީހާވެސް މިއަދު ވިދާޅުވަނީ ފަލަސްތީނުގެ މައްސަލައިގާވެސް އެމެރިކާ ބުނި ގޮތަށް ކަންކުރެވުނީ ބަލަންވާ ވަރަށް ނުބެލިގެން އޮޅުމަކުން ކަމަށެވެ. ހަމަ މިބީދައިން މާޒީވެ ގޮސްފައިވާ ކަންކަމަށް ނަޒަރު ހިންގާލާއިރު ވެރިކަމަށް ވަޑައިގެންނެވުމުގައި ވެވަޑައިގެންފައިވާ ވަޢުދުތައް ނުފުއްދި ރައްޔިތުންގެ އިތުބާރު ގެއްލިފައިވަނީ އެއްވެސް ތަޖުރިބާއަކަށް ބެއްލެވުމެއް ނެތި ގައުމުގެ ފެންވަރާއި ފަންވަރަށްވެސް ނުބައްލަވައި ހަމައެކަނި ވެރިކަން ހޯއްދެވުމަށް ރައްޔިތުންނަށް ވަޢުދުތައް ވެވަޑައިގެންނެވުމުން ކަމުގައި ކަމުގެ ތަޖުރިބާކާރު ބޭފުޅުން ގަބޫލުކުރައްވައެވެ.
އެގޮތުން މިއަދު މިފެންނަނީ ފައިސާގެ އަގު ވެއްޓުނަ ނުދޭނެ ކަމަށާއި، ތަކެއްޗާއި ޚިދުމަތުގެ އަގު އަތްފޯރާ ފަށަށް ގެންނާނެ ކަމަށް ވިދާޅުވެ، ޑޮލަރުގެ އަގު ބޮޑުކޮށް ޓެކްސް ނަގަން ފެށުމުން ދިމާ އިދިކޮޅަށް ކަންކަން އެނބުރިގެންދާ މަންޒަރެވެ. އެއްރޯދައަށް ބިންގާ ދަމާލެވި އަނެއް ރޯދައަށް ފާރެއް ރާނާލެވި، މިހެންގޮސް މީގެކުރިން އުމުރު ހުސްވާއިރުވެސް ބޯހިޔާވަހިކަމެއް ނުލިބޭތީ ބޯހިޔާވަހިކަން އަތްފޯރާ ފަށަށް ގެނައުމަށް ވެވަޑައިގެންނެވި ވަޢުދުގެ ވާހަކައާއި އެއްވެސް ދަތިކަމެއް ނެތި އެކުވެރި ދައުލަތް ތަކުން ފައިސާގެ އެހީއާއި އެހެނިހެން އެހީތައް އޮހެމުންދާނެ ވާހަކަ ދެއްކެވި ނަމަވެސް މިއަދު މިފެންނަނީ ރައްޔިތުންގެ ޖީބުތައް ދޮވެލައިގެން ގައުމު ހިންގަން ފޫގަޅައިގެން އުޅޭ މަންޒަރު ކަމުގައި ދަންނަވަން ޖެހެއެވެ. ބައިނަލްއަޤްވާމީ މައިދާނުގައި ވަކިފަރާތަކަށް ނުޖެހޭ ސިޔާސަތެއް ގެންގުޅުނު ރާއްޖޭގެ ސިޔާސަތު މިއަދު އެނބުރެމުން މިދަނީ ވަކި ގައުމެއްގެ އުނގުތެރެއަށް މުޅިގައުމު ވެއްޓޭ ފަދަ މަންޒަރުތަކެއް ކުރިމަތިން ތަސައްވަރު ކުރެވޭފަދަ ގޮތަކަށް ކަމުގައި މިއަދު ކަށަވަރުވެ ޔަގީންވެއެވެ. ބައިނަލްއަޤްވާމީ މައިދާނުގައި އެމެރިކާގެ ކޮންމެ އިޝާރާތަކަށް ބޯލަނބައި ކިޔަމަންވަމުން ދާމަންޒަރު ފެންނަމުންދާއިރު މުޅި ގައުމު ވަކި ގައުމެއްގެ ފަސްބައިގެ ދަށުވަމުންދިއުމަކީ ވަރަށް ހައްސާސް މައްސަލައެއްކަމުގައި ދަންނަވަން ޖެހެއެވެ.
ބައިނަލްއަޤްވާމީ މައިދާނުގައި އަވަށްޓެރި އިންޑިޔާ ބޭނުންނޫން ގޮތަކަށް ރާއްޖެއިން ބަސްނުކިޔާނެ ކަމަށް މިއަދު ބުނަމުންދަނީ ހަކުރުދެންޏާ ބޮޑުބޭބެއަށްވާ އުސޫލުން ކަމުގައި ކަމުގެ މާހިރުން ވިދާޅުވަނީ ސަބަބުތަކެއް ނެތިނޫންކަން މިއަދު މިދަނީ ވަރަށް ރަނގަޅަށް ފެނި ހާމަވަމުންނެވެ. މުޅި ގައުމުގެ ވިޔަފާރިއާއި އިޤުތިޞާދާއި ސަލާމަތީކަންކަމުގެ އިތުރުން ގައުމަށް ވަދެ ނުކުމެވާ މައި ދޮރޯށި އަވަށްޓެރި އިންޑިޔާގެ އަތްދަށަށް ދޫކޮށްލުމަކީ ގައުމުގެ ކުރިމަގަށް ބަލާއިރު ވަގުތީ ފައިދާތަކަކާއި މަންފާތަކެއް ހޯދުމަށް ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމުގައި ގިނަބަޔަކު ބުނަމުންދާއިރު މިއީ ގައުމުގެ މާލީ، އިޖުތިމާޢީ އަދި ސިޔާސީ މިނިވަން ކަމަށް ބުރޫއަރާފާނެ ކަމެއް ކަމުގައި ތަޖުރިބާކާރު ބޭބޭފުޅުން ވިދާޅުވެއެވެ. ވެންމަސް ވެނަށް ކާންދޭ އުސޫލުން އެގައުމުގެ ބޭންކަށް ދަރަނި ބިލުތައް ވިއްކާލުމަށްފަހު އެބިލުތަކުގެ ދަރަނި އަދާކުރުމަށް އަނެއްކާވެސް އެގައުމުން ދަރަންޏަށް ފައިސާ ނަގާ، މުޅި ގައުމު ވަކި ބަޔަކަށް ދަރާވިކި، ވަކި ގައުމެއްގެ އަތްދަށު ވަމުންދާއިރު މުސްތަގުބަލުގައި ލަދުވެތި ކަމެއްނެތި އަތްދިއްކޮށްލާނެ އަވަށްޓެރި އެހެން ގައުމެއް ނެތި ދިއުމަކީ ކުރިއަށް އޮތް ޖީލުތަކާއި ދަރީންގެ ދަރީންނަށް އެކަމުގެ ހިތި ނުފެނި ނުދާނެ ކަމެއް ކަމުގައި ގަބޫލުކުރަންޖެހެއެވެ.
ދެން އޮތީ މިކަންކަން ބަލާ ފާރަވެރިވެ، ހަމަމަގަށް އަޅުވާން ތިބި މީހުންގެ ވާހަކަތަކެވެ. މަންޒަރު ބަލާން ދުރުގައި ތިއްބެވި ބޭފުޅުން މިއަދު ވިދާޅުވަނީ ގައުމު ހިންގާން ތިބި އެބުނާ ކަހަލަ އެދުރުންނަށްވުރެ މިމީހުންގެ ހާލު އަދި މާބޮޑު ކަމަށެވެ. ގައުމުގެ ސަލާމަތާ ބެހޭ ކަންކަން ބަލައި ހެޔޮގޮތާއި ނުބައިގޮތް ކިޔައިދީ ހެދުމަށް ގައުމުގެ ހުރިހާ ކަމެއް ނިމިގެން އަންނަ މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމިޓީގެ ހާލަތާއި އެކޮމިޓީގައި ނަގައި ކިޔަން ތިއްބެވި އިއްޒަތްތެރި މެންބަރުންގެ ހާލު ދިވެހިރައްޔިތުންނަށް މިހާރު މިވަނީ ވަރަށް ރަނގަޅަށް ފެނި ކަށަވަރުވެ ޔަގީންވެފައެވެ.
ދުނިޔަވީ ދިރިއުޅުމުގެ މާބޮޑު ތަޖުރިބާއެއްނެތް އިއްޔެ މެންދުރުގެ އެދުރަކު މުގުލުގައި އިންނަވައިގެން ގައުމުގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅުން ހުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ބަލަމުން ދިޔައިރު ކޮމިޓީގައި ތިއްބެވި ގިނަ ބޭފުޅުންނަކީ އެފަދަ ކަމަކަށް ކިހާ ގާބިލު، ތަސައްރަފު ފުދޭ ބައެއްކަން އެކޮމިޓީގައި އިންނެވި ރަނގަޅު ވިސްނޭ ބޭފުޅަކު ވިދާޅުވެ ދެއްވާފައިވާއިރު، އެބޭފުޅުން ސުވާލު ކުރައްވަމުން ގެންދެވި އިއްޒަތްތެރި މެންބަރު ދެއްކެވި ވާހަކަތަކާއި ބޭނުންކުރެއްވި އިގުތިޞާދީ ބަސްތަކާއި ހަމަތަކާއި އުސޫލުތައް އޭގެ ތެރެއިން ގިނަ ޢިއްޒަތްތެރި މެންބަރުންނަށް ފަހުމްވީ ކިހާވަރަކަށްކަން އެނގިގެން ދިއުމުން އެފަދަ ކޮމިޓީއަކުން ނުވަތަ މަޖިލީހަކުން ކަންކަން ނިމިގެންދާނެ ގޮތް ރައްޔިތުންނަށް މިއަދު ވަރަށް ރަނގަޅަށް ތަސައްވަރު ކުރެވިގެން ދާނެ ކަމަށް ގަބޫލުކުރެވެއެވެ.
އެފަދަ ރޯނު އެދުރުންގެ ތެރޭގައި ތިއްބެވި ހުނިޖަހާލެވޭ ހަގީގީ އެދުރުންގެ ބަސް ނުވިކި އަޑުގަދަ މީހާގެ ރުއްގިނަވާ އުސޫލުން ކަންކަން ހިނގަމުންދާ މަޖިލީހަކުން ގައުމު ހިންގާނެ ގޮތާއި ކަންކުރާނެ ގޮތް ނިންމުމުން، ނުކުންނާނެ ނަތީޖާ މިއަދު ކިތަންމެ ރަނގަޅަކަށްވެސް މިދަނީ ފެންނަމުންނެވެ.
ދިޓީވީއަށް ޚިޔާލު ދެއްވުމަށް!
ކިޔުންތެރިންގެ ޚިޔާލު (0)
ޚިޔާލެއް ލިޔުއްވާ!