4 ޖޫން 2004ގައި އޭރުގެ ރައީސް މައުމޫން އެކަށައަޅުއްވާ ހުށަހެޅުއްވި އިސްލާޙީ މަގުޗާޓަކީ ޒަމާނުއްސުރެ ރާއްޖޭގައި އަށަގެންފައި އޮތް ބޯދާ ޑިމޮކްރަސީގެ ނާތަހުޒީބީ އާދަކާދަތައް ދޫކޮށް ޒަމާނީ ޑިމޮކްރަސީއަކަށް ވާސިލްވުމަށްޓަކާ އޭރުގެ އިދިކޮޅު ފަރާތްތަކާއި، ދިވެހިރައްޔިތުންގެ އެދުމާއި ބާރުއެޅުމުގެމަތިން އޭރުގެ ސަރުކާރުން އެކަށައެޅުއްވި އިސްލާޙީ އެޖެންޑާއެކެވެ. މިއަދު ގައުމުގެ ސިޔާސީ އިސްސަފުގައި ހިމެނިވަޑައިގަންނަވާ ފަރާތްތަކަކީ އިސްލާޙީ މަގުޗާޓުގެ އެތެރެއިންނާއި ބޭރުންވެސް އިސްލާޙުތަކަށް ގޮވަމުން، ޑިމޮކްރަސީގެ އައްޑަނަ ހިއްޕަވައިގެން އޭރުގެ ސަރުކާރު ބަދަލުކުރުމަށް މަސައްކަތްކުރެއްވި އޭރުގެ އިދިކޮޅު ފަރާތްތަކެވެ. އާގާނޫނު އަސާސީން ގެނެސްދިން ޑިމޮކްރަސީގެ އުއްމީދުތަކުގައި ހަގީގީ ކުލަޖައްސާދޭނެކަމުގެ ވަޢުދުތަކާއެކު، ތިންބާރުވަކިވެފައި އޮންނަ ޑިމޮކްރަޓިކް ވެއްޓެއްގައި ރައްޔިތުންނަށް ލިބިފައި އޮންނަ ޙިމާޔަތާއި ރައްކާތެރިމަކުގެ އުޖާލާ މަންޒަރުތައް ދިވެހިންނަށް ދައްކަވާ، ޑިމޮކްރަސީއަށް މިޤައުމު ފައްކާވެ އޭގެ ފޮނިމޭވާ ދިވެހިންނަށް ލިބިގެންދާނީ އާޤާނޫނުއަސާސީގެ ދަށުން އޭރުގެ އިދިކޮޅުފަރާތްތަކަށް ވެރިކަމަށް އާދެވިގެންކަމުގެ އުއްމީދީ ވާހަކަތައްވެސް އޭރު އެންމެ ހަރުއަޑުން ދެއްކެވިބޭފުޅުންނަކީ މިއަދު ސިޔާސީ މަތިފަޑީގައި ތިއްބެވި އޭރުގެ އެކްޓިވިސްޓުންނެވެ. ރައީސްމައުމޫނުގެ އޭރުގެ މަގުޗާޓުން އެކަށައެޅިގެންދިޔަ ޑިމޮކްރަސީގެ މުހިންމު ބިނާތައްކަމުގައިވާ ދަޢުލަތުގެ މިނިވަން މުވައްސަސާތަކާއި، ޝައުރީ ކޯޓުތަކާއި، ރައްޔިތުންގެމަޖިލީހާއި އަދި މިނޫނަސް ދަޢުލަތުގެ ހިންގުމުގެ ނިޒާމު މިނިވަންކުރުމަށްޓަކާ އާޤާނޫނު އަސާސީން އުފެއްދި މުވައްސަސާތައް އުފެދި ހެދި ބޮޑުކުރުމުމުގެ ޒިންމާ 11 ނޮވެމްބަރ 2008ގައި ދިވެހި ރައްޔިތުން ޙާވާލުކުރީ އޭރު އެޒިންމާ އަދާކުރެވޭނެ ކަމުގައި ހަރުއަޑުން ވަކާލާތުކުރައްވަމުން ވަޑައިގެންނެވި އޭރުގެ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، މިހާރުގެ ރައީސް މުހައްމަދު ނަޝީދާއެވެ.
ބައެއް ސިޔާސީ މުފައްކިރުން ވިދާޅުވާ ގޮތުގައި، މުޅިން އާ ގާނޫނު އަސާސީއަކާ، އެގާނޫނު އަސާސީން ކަޑައެޅިމުޅިން އާޑިމޮމޮކްރަޓިކް ފުރިހަމަ ނިޒާމާކާއިއެކު، އާފެށުމަކުން ފަށާ ގައުމެއް ބައްޓަން ކުރުމުގެ ފުރުސަތު ގައުމެއްގެ ވެރިޔަކަށް ލިބިގެން ދިއުމަކީ މަދުން ނޫނީ ދުނިޔޭގެ ތާރީޚުން ފެނިގެން ގޮސްފައިނުވާ މަންޒަރުތަކެވެ. ކޯލިޝަނެއްގެ ތެރެއިން ނަމަވެސް މިފުރުސަތު އަޅުގަޑުމެންގެ މިއަދުގެ ރައީސަށް ލިބިވަޑައިގަތެވެ. މިނިވަން ޑިމޮކްރަޓިކްނިޒާމެއް ދިވެހިންނަށްޓަކާ ދޮންކޮށް ފައްކާ ކޮށްދޭނެކަމުގައި ހިތާއި ނަފްސުން ވަޢުދުވަމުން ވަޑައިގެންނެވި، ޑިމޮކްރަސީގެ ނަމޫނާ ސަޚުސިއްޔަތުތަކުގެ ގޮތުގައި އަމިއްލައަށް ތަސްވީރުވެވަޑައިގެންނެވި ބޭފުޅުންނަށް ދިވެހިރައްޔިތުން އެފުރުސަތު ދިނީ ހިތާއި ނަފްސުން ބަދަލަކަށް ބޭނުންވެގެންނެވެ. އަސާސީ ހައްގުތައް ފުރިހަމަޔަށް ރައްކާތެރިކޮށްދީ، ގައުމީ އެއްބައިވަންތަ ކަމުގެ ވެރިކަމެއް މިގައުމުގައި ގާއިމްކޮށްދިނުމަށް އެދި އާދޭސް ކުރަމުންނެވެ.
އެހެންނަމަވެސް ފެންނާންހުރި ހަގީގަތްތަކަށް ބަލާއިރު، ދިވެހިން ގެނައިބަދަލަށް 3 އަހަރު ފުރިގެން ދިޔައިރު، އިސްލާޙީ މަގުޗާޓަށް 7 އަހަރު ފުރިގެން ދިޔައިރު، އެބަދަލު ވެގެންމިދަނީ ގައުމަށް ހިތިޒަހަރަކަށް ކަމުގައި މިއަދު ގިނަބަޔަކު ގަބޫލުކުރަން ފަށައިފިއެވެ. ސަބަބުތަކެއް ނެތިއެއް ނޫނެވެ. އިގްތިޞާދީ ތަދުމަޑުކަން މިއަދު މިއޮތީ އިންތިހާގައެވެ. އިޖްތިމާޢީ މައްސަލަތަކާއި، ސިޔާސީ ކަތިލުންތައް މީގެކުރިން ދުވަހަކުވެސް ގައުމު ތަޖުރިބާ ކޮށްފައި ނުވާފަދައަކުން ގައުމު މިއަދު މިދަނީ ތަޖުރިބާ ކުރަމުންނެވެ. ދައުލަތުގެ މިނިވަން މުވައްސަސާތަކަށް މުޖުތަމަޢުގައި އިޙުތިރާމެއް ނެތްއިރު، މިނިވަން މުވައްސަސާތަކުގެ އަމުރުތަކަށް ސަރުކާރުން ބޯނުލެބުމުގެ ކުރު މާޒީއެއްނަމަވެސް ތާރީޚުގެ ސަފްޙާތަކާއި މިވަނީ އެކުވެގެން ގޮސްފައެވެ. ސަރުކާރުންހިނގާ ތަަރައްގީގެ އެތަކެއް ބޮޑެތި މަޝްރޫޢުތަކަކަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވި، 21 މިލިޔަން ޑޮލަރުގެ ތިލަފުށީގެ މަޝްރޫޢުފަދަ ބޮޑެތި މަޝްރޫޢުތައް ހުއްޓާލުމަށް ދަޢުލަތުގެ އެންޓިކޮރަޕްޝަން ކޮމިޝަނުން އަމުރުކުރިއިރުވެސް، މިފަދަ އަމުރުތަކުގެ މައްޗަށްވެސް ސަރުކާރުން އިސްކޮށްފައިވަނީ އަޑުގަދަ އެކްޓިވިސްޓުންގެ މަސްލަޙަތުކަން މިއީ ދެބަސްވެވެން ނެތް ހަގީގަތްތަކެވެ. އިޖުތިމާއީ އަދާލަތު ގެއްލި، މުއްސަދިންނާއި ފަގީރުންގެ މެދުގައި އޮންނަ ފަރަގު އިންތިހާއަށް ބޮޑުވެ، މާރާމާރީއާއި މަގުފޭރުމާއި ލާދީނީ ހަރަކާތްތައް އިންތިހާއަށް އިތުރުވެ، ސުލްހަ މަސަލަސްކަން ގެއްލި، އެމަސްލަހަތު ހިމާޔަތްކުރަން އަތުކުރި އޮޅާލި ފަރާތްތައްވެސް، ސިޔާސީކުލަތަކުން ތަތްތެޅި ނިމިގޮސްފައިވާކަމުގައި ގިނަބަޔަކު މިއަދު ގަބޫލުކުރެއެވެ.
އިސްލާޙީ މަސައްކަތުގެ ކުރިބޯއްޓަކީ އަބަދުވެސް ސަރުކާރު ހިންގާ ފަރާތްކަން މިއީ ގަބޫލުކުރަންޖެހޭ ހަގީގަތެކެވެ. ގާނޫނީ ގޮތުންނާއި، ވަސީލަތްތަކުގެ ގޮތުން ބެލިކަމުގައިވިނަމަވެސް، ތަންފީޒީ ބޮޑެތި ބާރުތަކެއް ގާނޫނު އަސާސީންނާއި ގާނޫނުތަކުންވެސް އެފަރާތަށް ލިބިދީފައިވާތީއެވެ. ހަމައެއާއެކު، ވެރިކަން ހިންގާ ފަރާތަކީ، ދޫދިނުމާއި، މަޝްވަރާކުރުމުގައި ނަމޫނާ ދައްކަވާ، ރައްދު ދިނުމުގައި ހަމަޔާއި ލަމަ އެންމެ ބޮޑަށް ދަމަހައްޓަވަންޖެހޭ ފަރާތްކަމީވެސް ގަބޫލުކުރަންޖެހޭ ޙަގީގަތެކެވެ. އެހެންނަމަވެސް، ގައުމުގައި މިއަދު ތަޖުރިބާކުރަމުން މިދަނީ މިފަދަ ނަމޫނާ މަންޒަރުތަކެއް ބާވައެވެ؟ ގާނޫނު އަސާސީން ލިބިދިން ޚިޔާލު ފާޅުކުރުމުގެ ޙައްޤުގެ ބޭނުން ރައްޔިތުންގެ ތެރެއިންބަޔަކު ކުރާތީވެ، އެމިނިވަންކަމުގެ ބޭނުން ކުރާބަޔާކާއި ދެކޮޅަށް ގައުމުގެ ރައީސް އެމަނިކުފާނުގެ ޕާޓީ ގޮވައިގެން ނިކުންނެވުމަކީ ރިވެތި ނަމޫނާތޯއެވެ؟ ރައްޔިތުންގެ ތެރެއިން ބަޔަކުނަމަވެސް، ހާލުގެ ދުލުން އެދިގޮވާ ގޮވުމުގެ އަޑު އައްސަވަން ހުންނެވި އެރައްޔިތުންގެ ޚާދިމު، އެރައްޔިތުންނާއި ދެކޮޅަށް މުޒާހަރާއަށް ނުކުންނެވުމަކީ ކޮންޑިމޮކްރަސީއެއްގައި ލިޔެވި ބަޔާންކުރެވިފައިވާ ހަމައެއްތޯއެވެ؟
ޒަމާނީ ޑިމޮކްރަސީ ދިވެހިން ބަލައިގަތުމަށްފަހު، ވޭތުވެދިޔަ މަދު ދުވަސްކޮޅުގައި ދިވެހިން މިދެކެމުންދާ ސިޔާސަތުތަކުގެ ތެރެއިން އަޅުގަޑުމެން ދެކެމުން މިދަނީ އަޖައިބެއްފަދަ ސިފަތަކެކެވެ. މަގުމަތީގެ ކޯޓުތަައް ހައްދަވާ، ޖަންގަލީގެ ޤާނޫނު މިގައުމުގައި ތަމްސީލުވެގެން ދިޔައިރު، އެއީ ކުޅި ސަމާސާކަމުގައި ހައްދަވާ ބަޔަކު އަތްޖެއްސެވި މަންޒަރުވެސް އަޅުގަޑުމެން ދެކެފީމުއެވެ. ޝަރުއީ ކޯޓުތަކުގެ ދޮށުގައި މުޒާހަރާނުކުރުމަށާއި، ފަޑިޔާރުންނަށް މިނިވަންކަމާއި އިޚުތިޔާރާއި ބާރު ލިބިދީގެން މެނުވީ ފުރިހަމަ ޑިމޮކްރަޓިކް ވެއްޓެއް ގާއިމް ނުކުރެވޭނެމަކުގައި ވަކާލާތުކުރައްވާ ދިވެހިންނަށް ޑިމޮކްރަސީގެ ހުވަފެންތައް ދެއްކެވިބޭފުޅުން އެކޯޓުތައްދޮށުގައި މުޒާހަރާކޮށް، ފަޑިޔާރުންނަށް އިންޒާރުދީ، މިއަދު ބިރުދައްކަމުންދާއިރު، ދިވެހިން ދެކެމުންދާ މިޒަމާނީ ޑިމޮކްރަސީގައި ފެންނަމުންދާ ދެމޫނުގެ އަހުލުވެރިންނާއިމެދު މާދަމާ ދިވެހިރައްޔިިތުން ނިޔާކަނޑައަޅާނެކަންވެސް މިއަދު އަޅުގަޑުމެން ނުދަންނަނީ ބާވައެވެ؟ މިނިވަން ޑިމޮކްރަޓިކްވެއްޓެއްގައި ރައްޔިތުން އިންތިޚާބުކުރާ ރައްޔިތުންގެ މަޖިލީހެއް އޮންނަންޖެހޭނެކަމުގައި އެންމެބޮޑަށް ވަކާލާތުކުރައްވަމުން ވަޑައިގެންނެވި ބޭފުޅުން މިއަދު ސަރުކާރުގެ މަތިފަޑީގައި ތިއްބެވިއިރު، ބޮޑުއަގުދީގެން، ރިޝްވަތުގެ އުސޫލުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ގަނެވިއްކާކަމުގެ ހުތުރު ތުހުމަތު މިއަދު އެންމެބޮޑަށް ކުރެވެމުން ދަނީވެސް ހަމަ އެބޭފުޅުންގެ މައްޗަށެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ އަބުރުވެރި، ރައްޔިތުންގެ ނިންމުމަށް އިހުތިރާމްކުރަޖެހޭ ބަޔަކަށް ވާންޖެހޭނަކަމަށް ވިދާޅުވެ، ޑިމޮކްރަސީގެ ނަމުގައި އެންމެބޮޑަށް ވަކާލާތުކުރެއްވި ބޭފުޅުންނަކީވެސް ހަމައެބޭފުޅުންނެވެ. ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުން އިޚުތިޔާރުކުރާ ބައްޓަމަކަށް، ރައްޔިތުން އިޚުތިޔާރުކުރާ ކޮމްޕޮޒިޝަނަކަށް އޮންނަންޖެހޭނެ މުވައްސަސާއެއްކަމުގައި އޭރު ހަރުއަޑުން ވަކާލާތުކުރެއްވި ބޭބޭފުޅުން، ބޮޑުއަގު ދީގެން މިއަދު މެމްބަރުން ބައްލަވާގަންނަވަނީވެސް ހަމަ ގައުމަށްޓަކާ އޮތް އިހްލާސްތެރިކަމެއްގެ ބޮޑުކަމުންތޯއެވެ؟
އެތަކެއް ޒަމާންތަކެއްވަންދެން ދިވެހިން ކުރަމުން އައި ޑިމޮކްރަސީގެ އުއްމީދުތައް ހަގީގަތަކަށްވެ، އެޑިމޮކްރަސީގެ ތަންމަތީގައި ހިންދެމިލުމަށް ދިވެހިންނަށް ލިބުނު މިރަނުގެ ފުރުސަތު ނަގާލުމުގެ ޒިންމާ މާދަމާ ކޮންމެވެސް ބަޔަކު އުފުލަންޖެހޭކަން މިއީ މިއަދު އަޅުގަޑުމެން އެންމެވެސް ގަބޫލުކުރަންޖެހޭ ހަގީގަތެކެވެ. ދިވެހިރައްޔިތުން މާދަމާ މިކަންކަމާމެދު ނިޔާ ކަނޑައަޅާއިރު، މިދިވެހި އުއްމަތަށްބަޔަކު ޚިޔާނާތްތެރިވީނަމަ، ޚިޔާނާތުގެ ޖިޒީވެސް އެފަރާތްތަކުން އަދާކުރަންޖެހޭނެކަންވެސް މިއަދު ގަބޫލުކުރަންޖެހެއެވެ. ގޮތްދޫނުކުރުމާއި، ގަދަބަސް ބުނުމާއި، ގޮންޖެއްސެވުމުގައި މިއަދު އާފިލްވެދިޔަ ނަމަވެސް، ނިމިދިއުން މާދަމާ ބައްދަލުކުރާނީ ކޮންފަދައަކުންކަމާމެދު މިއަދު ވިސްނާ ފިކުރުނުކުރެވެނީ ކަމަށް ވެދާނެއެވެ. އެހެންނަމަވެސް، އެތަކެއް ޒަމާނަތަކެއްވަދެން، އާރާއިބާރުގައި، ވެރިކަމުގެ ތަޚުތުގައި ވެޑުވިގެން ތިއްބެވި ވެރިން މަދު ހިދުކޮޅެއްގެ ތެރޭގައި ހަފުސްވަމުންދާ މަންޒަރު ތަސައްވުރުވަމުން މިދަނީވެސް އަޅުގަޑުމެންގެ ލޯމަތީގައި ނޫންތޯއެވެ؟ މިއީވެސް އިބުރަތެއްކަމުގައި ނުފުދެނީތޯއެވެ؟
ދިޓީވީއަށް ޚިޔާލު ދެއްވުމަށް!
ކިޔުންތެރިންގެ ޚިޔާލު (8)
26 ޖެނުއަރީ 2012 - 11:35
ރަަަަައީސް ނަސީދު ދެންލަލަލާ
23 ޖެނުއަރީ 2012 - 17:16
ވެރިކަންމުގެ ހަތަރެސްކަން ހަމަނުވީމަ ދެންޖެހޭނީ ބަދަލުކުރަން އެހެންމަ މި ވެރިކަމަށް ޓާޓާ
18 ޖެނުއަރީ 2012 - 22:02
ހޫނުގަދަދުވަހެއްގެ މެންދުރު އިރުފަދައިިން މިހާރުއެނގޭކަމަކީ މި ވެރިކަން މިދަނީ ރަނގަޅު މިޞްރާބަކަށްނޫންކަން،
18 ޖެނުއަރީ 2012 - 11:17
ވަރަށްވެސް ފުރިހަމަ ލިއުމެއް މިކަހަލަ ޒިންމާދާރު ލިއުމަށް ވަރަށް ތާއީދުކުރަން ސާބަސް
31 ޑިސެމްބަރ 2011 - 19:28
ހެޔޮބަދަލެއްނޫން.
29 ޑިސެމްބަރ 2011 - 22:13
ބުއްދި ސަލާމަތުންލައްވައި ޖަނަވާރުން ވަކިކުރައްވާފަވަނިކޮއްވެސް އަމިއްލައެދުމުން ފޯވަފަހުރި ތުންފަތުގަކުލަކާއްތައިގެން ފޮތްހަރުގަނޑެއް ފަހަތައްލައިގެން ލޭޑީ ބޯއީ ހެދިފަ ނުކުތްމީހަކާ ބާޒާރުމަތީ ދަމާކަނޑަން އުޅެމުން ދަނިކޮއް ގޭގަ ގެންގުޅުނު މީހަކައްވީމަ އިތުބާރުކޮއްފަ ކަންކުރެވޭނެގޮތް ހަދައިދިނުމުން މަހުޖަނަކައްވީމަ ކަލަގޮވާފަ އަމިއްލަނަފުސައް ހަރާންކޯރުވުމުން ލިބެންވާހުރިހާ އަނިޔާއެއްމިހާރުލިބެންފެށީމަ އަހަރެން ދަރާވިކިގެން ގެނައިސަރުކާރެކޭ ބުނުމަކުންނުފުދެއެވެ. އަދި ގެނެވުނީ ނުބައިސަރުކާރެކޭބުނުމުންވެސް ނުފުދެއެވެ. މިހާރު އެފެންނަނީ އަމިއްލަނަފުސައް ހަރާންކޯރުވާމީހުނައް ފެންނަންޖެހޭކަންތަކެވެ. މިހާރު ނިދޭނީވެސް 16ގުޅަބޭސްކައިގެންނެވެ. މިއީ ވެސް އިބުރަތެއްކަމުގަ ދެކިގެން އެހެންމީހުންވެސް ވިސްނުންރަގަޅެވެ.
29 ޑިސެމްބަރ 2011 - 00:18
މިކަމުގެ ޒިންމާ ނަގަންޖެހޭ ފަރާތަކީ ކޮބައިތޯ ސުވާލުވެސް ކުރާކަށް ނުޖެހެއެވެ. އެއީ ވަރަށް ސާފުކޮށް އެނގެންއޮތް ކަމެކެވެ. މިހާރުގެ ރައީސްއަކީ ވެލާނާގޭ ގޯތިތެރެއިން ވައްކަން ކޮށްގެން ޖިނާއީ ކުށެއްކޮށްގެ ޝަރުޢީ ޙުކުމެއް އައިސްފައިވާ މީހެއް ގާނޫނުއަސާސީ ބުނާގޮތުން އަންނިއަކީ ޝަރުތު ފުރިހަމަވާ މީހެއްނޫން އަންނި ޝަރުތު ފުރިހަމަކުރީ މިގައުމުގަ ތިރީސް އަހަރު ވެރިކަން ކުރި މައުމޫން ޢަބްދުލްޤައްޔޫމް އަންނިއާއެކު ހެދި ޑީލަކުން އެޑީލަކީ މައުމޫނަށްވެސް އާގާނޫނުއަސާސީގެ ދަށުން ދެދައުރު ވެރިކަން ކޮށްފައިވާ މީހަކަށް ކުރިމަތި ނުލެވޭތީ ކުރީގެ ޗީފް ޖަސްޓިސް އަށް އެމަގާމު ދޭމަތިން އެގޮތަށް ހުކުމް ކުރީ މިޑީލް ހެދީ ޕީއޭ އޮފީހުގައި މިއީ ވަރަށް މަދު ބަޔަކަށް އެގޭ ސިއްރެއް
23 ޑިސެމްބަރ 2011 - 12:32
ޤާނޫނު އަސާސީގައި ލިބިދީފައިވާ ހައްޤުތަކާއި ސިޔާސީކަން ކަމުގައި ކުލަޖެއްސުމުގައި އެމް،ޑީ،ޕީން ޖައްސަމުން އަންނަނީ ހުނޅަންގުގެ ކުލަޔާއި ރީންދޫ ކުލަކަމުން މީނާ ވެރިކަން ވެއްޓުނީމައި ދެންޖެހޭކުލަ ރަނގަޅުވާނެ ކަމަށް އުއްމީދުކުރެވޭ އެކުލަޔަށް ވާންޖެހޭނީ އަދު އިންސާފު އަދި ހަމަހަމަކަން އަދި ރައީސަކީ އެންމެންގެ ރައީސްއަކަށް
ޚިޔާލެއް ލިޔުއްވާ!