މީޑިޔާތަކަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުވާނީ ސިޔާސީ ފަރާތްތައް ހޭލުންތެރިވެގެންކަމަށް ނަޒީފް ވިދާޅުވެއްޖެ

27 ޖެނުއަރީ 2012 - 16:20

މީޑިއާތަކަށް މިހާރު ދިމާވެފައިވާ މައްސަލަތައް ހައްލުވެ ހަމައަކަށް އެޅޭނީ ސިޔާސީ އިސްފަރާތްތައް ހޭލުންތެރިވެ މީޑީއާއާ އެއްހަމައަކަށް އެބޭފުޅުން އައިސްގެން ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް މުޙައްމަދު ނަޒީފް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ސިޔާސީ މަސްރަޙް ހަލަބޮލިވެ އެކަމުގެ ތެރޭގައި ބައެއް މީޑިއާތަކަށާ ނޫސްވެރިންނަށް ހަމަލާދެމުން ގެންދާތީ އެކަން ކުށްވެރިކޮށް އެކުގައި މަސައްކަތް ކުރެވޭނެ މާހައުލެއް އުފެއްދުމާ ބެހޭގޮތުން ހުރިހާ މީޑިއާތަކެއްގެ އެޑިޓަރުން އިއްޔެ މީޑިއާ ކައުންސިލްގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނަޒީފް ވިދާޅުވީ ތަފާތު ވިސްނުންތަކުގެ މީޑިއާތައް ހުންނާނެކަން ގަބޫލު ކުރަން ޖެހޭނެ ކަމަށާއި އެކަން ހަޖަމު ކުރެވެންވެސް ޖެހޭނެ ކަމަށެވެ. އަދި މީޑިއާތަކަށް ދިމާވާ ގޮންޖެހުންތައް ނައްތާލުމަށް ގާނޫނީ އޮނިގަނޑުގެ ތެރެއިން ދަތިތަކެއް ހުރިކަމަށް ނަޒީފް ވަނީ ވިދާޅުވެފައެވެ.

މީޑިއާ ކައުންސިލް އުވާލުމަށާއި މޯލްޑިވްސް ބްރޯޑް ކާސްޓިންގ ކޮމިޝަން އުވާލުމަށް ގޮވާލައި އެފަދަ މަސައްކަތްތައް ކުރެވެމުން ދަނީ ސިޔާސީ މީހުންގެ އަތްދަށުގައި އެތަންތަން ވެފައިވުމުން ކަމުގައިވެސް ނަޒީފްވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން މީޑިއާގެ ހުރިހާ އެޑިޓަރުން ގުޅިގެން މީޑިއާގެ ކަންތައްތަކުގައި މަސައްކަތް ކުރުމަށް އެޑިޓަރސް ގިލްޑެއް އުފެއްދުމަށް ނިންމާފައިވާތީ ނަޒީފްވަނީ އެކަމަށް ތައުރީފްކުރައްވާ ވާހަކަ ދައްކަވާފައެވެ. އަދި މީޑިއާތަކަށް ދެމުން ގެންދާ ހަމަލާތައް ހުއްޓުމަކަށް ގެނެވޭނީ ސިޔާސީ މީހުން ހޭލުންތެރިވެ މީޑިއާއާ އެއްހަމައަކަށް އައިސްގެން ކަމަށް ވިދާޅުވެ ނަޒީފްވަނީ މީޑިއާތަކަކީ ހަތުރުން ކަމުގައި ނުބެލުމަށް ސިޔާސީ ފަރާތްތަކަށް ގޮވާލައްވާފައެވެ.

 

މީޑިއާތަކަށް އަމާޒުކޮށް ދެމުން ގެންދާ ހަމަލާތަކުގެ ބޭނުމަކީ ސިޔާސީ ފަރާތްތަކުން ކުރާ ކަންތައްތައް ކަވަރު ކުރާ މީޑިއާތަކާއި ނޫސްވެރިންނަށް ބިރުދައްކައި ފަހަތަށް ޖެއްސުން ކަމަށް ވެސް ނަޒީފްވަނީ ވިދާޅުވެފައެވެ.

 


ދިޓީވީއަށް ޚިޔާލު ދެއްވުމަށް!