މިއީ ޚިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ހައްދެއްނެތި ބޭނުން ކުރައްވައިގެން ދެތޮފި އެޅި ނޫސްވެރިންނާއެކު ނުކުމެ ވަޑައިގެން މީޑިޔާގައި އެފަހަރަކު ހިތްޕުޅާވާ އެއްޗެއް ވިދާޅުވެ އެވަގުތަކު ހިތައް އަރާވަޑައިގެންނެވި އެއްޗެއް ލިޔުއްވައި، އަމިއްލަފުޅަށް ނޫސްނެރުއްވައި ވެބްސައިޓް ހައްދަވައިގެން ނުކުމެވަޑައިގެން ވެރިކަން ހޯއްދެވުމަށް ފަހު މާގިނަ ދުވަސްތަކެއް ނުވެ ރައީސް ނަޝީދު އަމިއްލަފުޅަށް ދައްކަވާފައިވާ ވާހަކަ ފުޅެއްކަން އަޅުގަނޑުމެންނެނަށް ކަށަވަރުވެ ޔަގީންވެއެވެ.
އެދުވަހު އެމަނިކުފާނާއި އެމަނިކުފާނުގެ އަރިހު ބޭކަލުން ވިދާޅުވަމުން ގެންދެވީ މީޑިޔާގެ މިނިވަންކަމުގައި އަތްނޭޅުއްވޭނެ ކަމަށާއި ޚިޔާލުފާޅުކުރަން ހުޅުވާލާ އަނގައިގައި ޓޭޕްއަޅައި ބަންދުވެސް ނުކުރެވޭނެ ކަމަށެވެ. ގިނިދުށްމީހާ ރަތްމަލަށް ބިރުގަންނާނެއޭ ބުނެއުޅޭ ބީދައިން މިއަދު ދިވެހި ރާއްޖޭގައި އޮތް މިނިވަން މީޑިޔާ ދެކެ ބިރުފުޅުން އެތަންތަނުގައި ތަޅު އަޅުވައި ބިރުދައްކަވަން އުޅުއްވާއިރު އެބޭފުޅުން އޭރު ވިދާޅުވި ޚުދުމުޚުތާރު ވެރިކަމުގައި، މީޑިޔާގެ މިނިވަންކަން ނެތް ދުވަސްވަރު މިބޭފުޅުން ވެބްސައިޓް ހައްދަވައި މިނިވަން ނޫސްވެރިކަމުގެ ލަގަބު ލިބިގަނެގެން ނޫސްނެރުއްވައި މީހުންގެ އަބުރަކަށް ކަރާމާތަކަށް ގަދަރަކަށް ބެލުމެއްނެތި ހުތުރުހެން ހީވާ ވަނަންތަކުން މުހާތަބުކޮށް މީހުންގެ ފޮޓޯ ޖަހައި ކާޓޫނު ކުރަހައި ހެއްދެވި ހަނދާން ހުރިކަމަކަށް މިއަދު ގަބޫލެއް ނުކުރެވެއެވެ.
މިބޭފުޅުން އިދިކޮޅުގައި ތިއްބެވިއިރު މީޑިޔާތަކުގައާއި ޖަލްސާތަކުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔައަށާއި އެމަނިކުފާނުގެ އާއިލާއަށާއި ކުރީގެ ސަރުކާރުގެ ވެރިންނަށް ވަގަށް ގޮވައި ހުތުރުހާ ބަސްތަކުން މުހާތަބުކުރައްވައި ހެއްދެވިއިރު އެއީ މީޑިޔާގެ މިނިވަން ކަމަށް ވެފައި މިއަދު ގާނޫނު އަސާސީގައި ކަޅާ ހުދުން ލިޔެ ޚިޔާލުފާޅުކުރުމާއި މީޑިޔާގެ މިނިވަންކަން ދީފައި އޮތް އިރު އަދުގެ އިދިކޮޅު ފަރާތްތަކުން މީޑިޔާތަކުގައި ދައްކާ ވާހަކަތަކާއި އެބޭފުޅުންގެ ބަސްތައް އަމިއްލަ މީޑިޔާތަކުން ގެނަސްދިނުމުން އެއީ މީޑިޔާގެ މިނިވަން ކަމެއް ނޫނޭ މިބޭފުޅުން ވިދާޅުވާނަމަ މިބޭފުޅުން ގަބޫލުކުރާ މީޑިޔާގެ މިނިވަން ކަމަކީ އެވިދާޅުވާ ދީނުގެ މެދުމިން ކަނޑައެޅުއްވުން ފަދަ ކަމެއްކަމުގައި ދަންނަވަންޖެހެއެވެ. ކުރީގެ ތިރީސް އަހަރުގެ ޚުދުޚުތާރުކަމުގެ ވާހަކަ ކެނޑިނޭޅި ދައްކަވައި މީޑިޔާގެ މިނިވަންކަން ހޯދައިދިނީ ތިމަންނާމެން ކަމަށް ވިދާޅުވެ މެޑެލް ޖެއްސެވި ބޭފުޅުން މިއަދު ނުކުމެ ވަޑައިގެން މީޑިޔާއަށް ބިރުދައްކައި ތިމަންނާމެންނާ ދެކޮޅަށް ވާހަކަ ދައްކާ މީހުންގެ އަޑުތަކާއި މަންޒަރު ގެނެސްދޭންވާނީ ތިމަންނާމެން ބޭނުންވާ ގޮތަކަށޭ ވިދާޅުވެ އެގޮތަށް ކަންތައް ނުކުރާ މީޑިޔާތަކުގެ މައްސަލަ އެބޭފުޅުންގެ މުށުތެރޭގައި ގެންގުޅުއްވާ މުއައްސަސާ ތަކަށް ހުށައަޅުއްވައިގެން ބިރުދެއްކެވިޔަސް ގާނޫނު އަސާސީގައި މިހާރު ލިޔެފައި އޮތް މާއްދާ ފޮހެ ނުލާހާ ހިނދަކު ނޫސްވެރިއަކުވެސް، މީޑިޔާއެއްވެސް އަދި ރައްޔިތަކުވެސް އެދައްކަވާ ވާހަކައަށް ބިރުގަންނަން ނުޖެހޭކަމީ ޝައްކެއްވެސް އޮތް ކަމެއްނޫނެވެ.
ރައްޔިތުންގެ ވިންދާއި ލެއާއި ކުޅުމަށް ދައްކަވާ ވާހަކަތަކުގެ ހަގީގަތްތަކާއި ރައްޔިތުން ލޮއްސަން ދައްކަވާ ކުލަނުޖެހޭ ހުވަފެންތަކުގެ ވާހަކަ އަމިއްލަ މީޑިޔާތަކުން މިނިވަން ކަމާއެކު ގެނަސްދެމުންދިއުމާއި އިހަށްދުވަހު އެފެނިވަޑައިގެންނެވި ބޮޑު މަންޒަރަކުން ރައްޔިތުން ތިބިގޮތް އެނގި ކަށަވަރުވުމުން 2013 ގެ ބޮޑު މަންޒަރު ދެން ފެންނަ އޮތް ހަމައެކަނި ގޮތަކީ ދުނިޔޭގެ އަސްކަރީ ވެރިންނާއި ޚުދުމުޚުތާރު ވެރިން ކަންތައްކުރައްވާ ބީދައިން މީޑިޔާގައި ކަސްތޮޅު އަޅުވައި ނޫސްވެރިންގެ އަނގަތައް ބަންދުކުރުން ކަމަށްވާތީ އެމަސައްކަތް މިހާރު މެކުހަށް ޖެއްސެވީ ކަމުގައި ސިޔާސީ މުފައްކިރުންވަނީ ވިދާޅުވެފައެވެ. މިބޭފުޅުންގެ ބަހާއި އަމަލުން ލާދީނީ ކަންކަން ރައްޔިތުންނަށް ދައްކަވައި އެންމެ ފަހުން ބުދުވެސް ބަހައްޓައި އެއިން ސަލާމަތް ނުވެވިގެން މަތިމައްޗަށް ދޮގުހަދަމުންގޮސް ބުދު ބެހެއްޓި މީހަކުވެސް އަދި ބެހެއްޓިކަންވެސް ނުވަތަ އެބުދެއް ހުރިކަންވެސް ނޭގޭ ހިސާބަށް ދިއުމުން އެވާހަކަ މީޑިޔާގައި ކިޔުމުން އެއީ ރައްޔިތުންނަށް އޮޅުވާލުމަށް ނުވަތަ އެވިދާޅުވާ ގާނޫނީ ސަރުކާރާ ދެކޮޅަށް މީޑިޔާއިން ދައްކާ ވާހަކައެއް ކަމާމެދު ސުވާލު އުފެދޭނަމަ ދެން ދަންނަވާނެ އެއްޗެއް ނެތެވެ.
ގައުމުގެ ވަލިއްޔުލް އަމުރު ނުކުމެވަޑައިގެން ތިމާގެ ނެތް ޢިލްމަކުން ޙިލްމް ހޯއްދަވައިގެން އިސްލާމް ދީނުގެ ހުކުމްތަކަށް ފާޑުވިދާޅުވެރެ ފާޅުގައި ކީރިތި ރަސޫލާއާއި އިސްލާމުން އުޅުއްވި ގޮތަށާއި ދީނަށް ފުރައްސާރަ ކުރައްވަމުން ގެންދަވާއިރު އެގޮތަށް ކަންކޮށްއުޅުނީ ޖާހިލިއްޔަ ޒަމާނުގެ ޖާހިލުން ކަމަށް ބުނުމަކީ ވެރިކަންކުރާ ފަރާތުން ކިތަންމެ ނުރުހޭ ކަމަކަށްވިޔަސް އެއީ ފެންނަން ހުރި ހަގީގަތް ކަމާމެދަކު އެއްވެސް ރައްޔިތަކު ދެބަހެއްނުވެއެވެ. އަދުގެ ސަރުކާރުގެ ތެރެއިންނާއި ވެރިމީހާގެ ފަރާތުން ފެންނަންހުރި މިފަދަ ހަގީގަތްތަކާއި އަދުގެ ސަރުކާރާއި ޔަހޫދީންނާ ގާތްގުޅުމެއް އޮންނަ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތައް މީޑިޔާތަކުން ގެނަސްދިނުމަކީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްދުން ބޭރުގައި ވާކަމެއް ކަމަށް ސިފަކުރުމަކީ އަޖާއިބެއްފަދަ އަރަތެއް ކަމުގައި މިއަދު ބައެއް ފަރާތްތަކުން ބުނަމުންދާއިރު ވެރިކަން ހޯދުމަށް ކުރި މަސައްކަތުގައި ޔަހޫދީންގެ އެހީތެރިކަމާއި މަދަދު ހޯދިކަމަށާއި އަދި ވެރިކަން ލިބުމުންވެސް ޔަހޫދީން ގާތް ކުރައްވައިގެން މަތީ މަގާމުތައް ދެއްވައިގެން އުޅުއްވާ ކަމަށް ބުނުމަކީވެސް މިއަދު އެބޭފުޅުންނަށް ދޮގު ވާހަކައެއްކަމަށް ވުމީ އެކަށީގެންވާ ކަމެކެވެ.
ނަމަވެސް ސީދާ ރައީސުލްޖުމްހޫރިއްޔާގެ އެޑްވައިޒަރ ކަމުގެ މަގާމުން ފެށިގެން ގޮސް ސަރުކާރުގެ މޫނުމަތި ރީތިކުރުމާއި ރަތާފެއްސާއި ހުދުގެ ދިވެހި ދިދައާއި ގައުމީ ނިޝާނާއި އަދިވެސް އެހެނިހެން އެއްޗެހި ހިއްޕަވައިގެން މިސަރުކާރުން ދެއްވި ސަފީރުކަމުގެ ފަތްކޮޅާއެކު މަގާމުގައި ތިއްބެވި ޔަހޫދީ ފާދިރީއަކުވެސް މިއަދު މަގާމުގައި ހުންނެވި ކަމީ އެންމެހާ ދިވެހި ރައްޔިތުންނަށް އެނގި ކަށަވަރުވެ ޔަގީންވާކަމެކެވެ.
މިއަދު މިފަދަ ވާހަކަތައް ދައްކާ ރައްޔިތުންނަށް ހަގީގަތް އޮޅުންފިލުވައިދޭ މީޑިޔާ ތަކުގައި ތަޅުއަޅުވަން ދިމާކުރި ނަމަވެސް ކަޅާއި ހުދުން ލިޔެފައި އޮތް ގާނޫނު އަސާސީ ވީދާ ކުނޑިކުނޑިކޮށް ނުލާހާ ހިނދަކު، އަދި ރާއްޖޭގެ ޝަރުޢީ ދާއިރާ މިއަދު އޮތް މިނިވަންކަމުގައި ދެމި އޮތްހާ ހިނދަކު ގާނޫނީ ގޮތުން އެކަން ކުރެވެން ނެތްކަމީ ކަށަވަރުވެ ޔަގީންވާ ކަމެކެވެ. އަދި މިކަން މިގޮތަށް ކޮށްފާނެތީ ބިރުން ފަހަށްޖެހި ފިލާފާނެ ކަމަށް ގަބޫލު ކުރުމަކީވެސް ކުށްހީއެއް ކަމުގައި ދަންނަވަން ޖެހެއެވެ.
ދިޓީވީއަށް ޚިޔާލު ދެއްވުމަށް!
ކިޔުންތެރިންގެ ޚިޔާލު (1)
18 ޖެނުއަރީ 2012 - 09:07
ތިމާފޭހުނު އިލޮށި ތިމާލޮލަށް
ޚިޔާލެއް ލިޔުއްވާ!