ސިޔާސީ ޕާޓީތަކުގެ މެދުގައި ކުރިއަށްދާ މަޝްވަރާތަކުގެ ވިލަރެސް ވެރިޔާ އަހުމަދު މުޖުތަބާ އިސްތިއުފާ ދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ މަޝްވަރާގެ މޭޒަށް ހުށަހަޅުއްވާފައިވާ މަގުޗާޓަށް އެޅިގެންދާނެ ހުރަހެއް ކަމަށާއި، މުޖްތަބާގެ އިސްތިއުފާއާއިމެދު ސަރުކާރުން ކަންބޮޑުވާކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާން އައްބާސް އާދިލް ރިޒާ ވިދާޅުވީ، މަގުޗާޓުގައި ހަ ކަމެއް ހިމަނައިގެން މަޝްވަރާތަކުގެ ވިލަރެސް ވެރިޔާ އަހުމަދު މުޖުތަބާ ނުހަނު އިހްލާސްތެރިކަމާއިއެކު މަސައްކަތް ކުރިއަށް ގެންދަވަނިކޮށް މަޝްވަރާގެ މޭޒުން އެމްޑީޕީ ދުރަށް ދިއުމަކީ މަޝްވަރާތަކަށް އެޅިގެން ދިޔަ ހުރަހެއްކަމަށެވެ. އަދި އެމްޑީޕީއަކީ މިމަޝްވަރާތައް ކުރިއަށް ގެންދިއުމަށް އެންމެ ބޮޑަށް ބޭނުންވާ އަދި މިކަމުގައި އެންމެ ބޮޑު ބައިވެރުވުމެއް އޮންނަންޖެހޭ ބަޔަކީ އެމްޑީޕީ ކަމަށްވާއިރު އެމްޑީޕީ މިކަމަށް ނޫނެކޭ ބުނުމަކީ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އެޅި ވަރަށް ބޮޑު ހުރަހެއް ކަމަށް އައްބާސް ވިދާޅުވިއެވެ.
ރާއްޖޭގެ ސިޔާސީ ހަމަޖެހުމަށްޓަކައި މަޝްވަރާގެ މޭޒު ޚިޔާރު ކުރުމަށް ކޮމަންވެލްތާއި، ބޭރުގެ ގައުމުތަކުން ގޮވާލާފައިވާއިރު އެމްޑީޕީން އެމަގުން ބޭރުވުމަކީ މުޅި ދުނިޔޭގެ ކުރިމަތީގައިވެސް އެމްޑީޕީގެ ހަގީގަތް ހާމަވެގެން ދާނޭކަމެއްކަމަށް އައްބާސް ވިދާޅުވިއެވެ. އައްބާސްވަނީ މުޖުތަބާ މިހާތަނަށް ކުރެއްވި މަސައްކަތްތަކަށް ސަރުކާރުގެ ފަރާތުން ޝުކުރު އަދާކުރައްވާފައެވެ.
ސިޔާސީ ޕާޓީތަކުގެ މެދުގައި ކުރިއަށްދާ މަޝްވަރާތަކުގެ ވިލަރެސް ވެރިޔާ އަހުމަދު މުޖުތަބާ މިއަދު އެމަގާމުން އިސްތިއުފާ ދެއްވަމުން ނެރުއްވާފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ މަޝްވަރާތަކުން އެމްޑީޕީ ވަކިވުމުން، މިހާރު އޮތް މަރުހަލާއިން މަޖިލިސް ތެރެއިން މަޝްވަރާތާއް ކުރިއަށް ގެންދިއުމުން ކަންކަން ހާސިލް ކުރަން ފަސޭހަ ވާނޭކަމަށެވެ. އަދި ހުރިހާ ސިޔާސީ ޕާޓީތަކަކުންވެސް ގައުމަށް އިސްކަން ދެއްވައިގެން ގައުމުގައި ހަމަޖެހުން ގާއިމްކުރުމަށް މަސައްކަތް ކޮށްދޭނޭކަމަށް އުންމީދު ކުރައްވާކަމުގައިވެސް މުޖުތަބާ ވިދާޅުވެފައިވެއެވެ.
ރައީސް ވަހީދު ވެރިކަމަށް ވަޑައިގެންނެވިފަހުން ރާއްޖޭގެ މަސްރަހު އަމާންކޮށް ހަމަޖެހުން ގާއިމްކުރުމަށް މުޖުތަބާވަނީ ގިނަ ވަގުތުތަކެއް ދެއްވައި ވަރަށް ވިސްނުންތެރި ކަމާއި ހިކުމަތްތެރި ކަމާއެކު ހަލަބޮލި ބައްދަލުވުންތަކެއް ކުރިއަށް ގެންގޮސް ދެއްވާފައެވެ.
ދިޓީވީއަށް ޚިޔާލު ދެއްވުމަށް!
ކިޔުންތެރިންގެ ޚިޔާލު (0)
ޚިޔާލެއް ލިޔުއްވާ!