މިހާރު ކުރިއަށްދާ އެފް އޭ ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް އެންމެ ފަހުގެ ޗެމްޕިއަން ވީބީ އައްޑޫ އެފްސީ ބަލިކުރުމަށްފަހު އޯލް ޔޫތް ލިންކޭޖް ހޯދައިފިއެވެ.
އޯލް ޔޫތް ލިންކޭޖްއިން މިމުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ރޭ ވީބީ އައްޑޫ އެފްސީއާއި ދެކޮޅަށް ކުޅުނު މެޗްގެ ފުރިހަމަ ވަގުތު ހަމަވީއިރު ދޭއް ދޭއްގެ ނަތީޖާއަކުން ދެޓީމު އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން ހައެއް ހަތަރެއްގެ ނަތީޖާއަކުން މެޗް ކާމިޔާބުކޮށްގެންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ތޭވީސްވަނަ މިނިޓްގައި އިސްމާއިލް މުހައްމަދު ލަނޑެއް ކާމިޔާބުކޮށް އެޓީމަށް ކުރި ހޯދަދީފައިވަނިކޮށް ދެވަނަ ހާފްގައި އައްސަދު އަލީވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ދެޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފައެވެ.
ނަމަވެސް އޭގެ ދިހަ މިނިޓް ފަހުން އޭވައިއެލްގެ މުއާޒްވަނީ ލަނޑެއް ކާމިޔާބުކޮށް އޭވައިއެލްގެ އުންމީދުތައް އާކޮށްދީފައެވެ. އަދި މެޗްގެ ފުރިހަމަ ވަގުތު ހަމަވާން ހަ މިނިޓަށް ވެފައިވަނިކޮށް ސްޓެފާންވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ.
މިމެޗުން އޭވައިއެލް މޮޅުވި ޕެނަލްޓީ މުހައްމަދު ޔާމީން ކާމިޔާބުކުރިއިރު އެޓީމުގެ އަބްދުﷲ މުއާޒްއާއި ސްޓެފަންގެ އިތުރުން މޫސާ ހަސަންވަނީ ޕެނަލްޓީތައް ކާމިޔާބުކޮށްފައެވެ. ވީބީގެ އިސްމާއިލް މުހައްމަދުއާއި ޝަމްވީލް ގާސިމް ޕެނަލްޓީތައް ކާމިޔާބުކުރި ނަމަވެސް އަޝްފާންއާއި ފަރުހާދުގެ ޕެނަލްޓީތައްވަނީ ނާކާމިޔާބުވެފައެވެ.
ދިޓީވީއަށް ޚިޔާލު ދެއްވުމަށް!
ކިޔުންތެރިންގެ ޚިޔާލު (0)
ޚިޔާލެއް ލިޔުއްވާ!