ބަޣާވާތް ނުވަތަ “ކޫޕް ޑިޓާ”

އަމިއްލަ ގަލަމުން

26 އޯގަސްޓް 2012 - 21:37

ބަޣާވާތް ނުވަތަ ކޫޕް ޑިޓާ އަކީ މިހާރު ރާއްޖޭގެ މާހައުލުން އެންމެ ބާރަށް އިވޭ އެއް އަޑެވެ. ސިޔާސީ ޕޯޑިއަމް ތަކުގެ އިތުރުން ދިވެހިން މިއަދު މުއާމަލާތް ކުރުމުގައި އެންމެ ގިނައިން ބޭނުންކުރާ ޓްވިޓަރ އަދި ފޭސް ބުކް ފަދަ ސޯޝަލް ނެޓްވާރކް ތަކުގައި އެންމެ ގިނައިން ލިޔަމުން ގެންދާ އެއްބަހަކީ، ބަޣާވާތް ނުވަތަ ކޫޕް ޑިޓާ އެވެ. ދިވެހިބަހުން ލިޔާ މީހުން ބަޣާވާތެވެ. އިނގިރޭސިން ލިޔާމީހުން ކޫޕް ޑިޓާއެވެ.

ހަތެއް ފެބްރިއަރީގެ ފަހުން ދިވެހިންގެ ދޫ ތަކުން މެދުނުކެނޑި އިވެމުންދާ މި ބަހުގެ ލަފްޒީ މާނައާއި ބަޣާވާތް ނުވަތަ ކޫޕް ޑިޓާ ސިފަކުރާ ގޮތްތަކަށް ބަލާއިރު ތަފާތު ހާލަތްތަކުގައި ތަފާތު ގޮތްގޮތަށް މާނަކޮށް ސިފަކުރެވިފައި އެބަހުއްޓެވެ، އިނގިރޭސި ރަދީފުގައި ކޫޕް ޑިޓާ މާނަކޮށްފައި ވަނީ ސަރުކާރާ ދެކޮޅަށް ހަޅުތާލުކުރުން ނުވަތަ ބަހުގެ އަދަބީ މާނައަށް ބަލާއިރު ހަޅުތާލުކޮށް/ ސަރުކާރު ވައްޓާލުމުގެ ގޮތުގައިވެސް މާނަކޮށްފައިވެއެވެ. މީގެއިތުރުން ކޫޕް ޕުޝް އަދި ގާނޫނާ ޚިލާފަށް ސަރުކާރު މައްޗަށް ގަދަވެގަނެ ސަރުކާރު ވައްޓާލުންވެސް މީގެ ލަފްޒީ މާނައިގެ ތެރޭގައި ހިމަނާފައިވާއިރު މިކަން ކުރާ ގޮތަކީ ކުޑަ ގްރޫޕަކުން ނުވަތަ ހަތިޔާރު އެޅި ސިފައިންގެ ގްރޫޕަކުން ނުކުމެ ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ބަދަލުކޮށް އެހެން ސަރުކާރެއް ގާއިމު ކުރުން ކަމުގައިވެސް ބުނެފައިވެއެވެ. މީގެއިތުރުން ބަޣާވާތަކަށްފަހު ގައުމު މުޅިން ހަމަޖެހުމަކަށް ނާންނާނެ ކަމަށާއި ބަޣާވާތަކުން ސަރުކާރެއް އުފައްދައިފި ނަމަ އެތަނެއްގައި އަބަދުވެސް ދާޚިލީ ހަމަނުޖެހުންތައް އޮންނާނެ ކަމަށްވެސް ވެއެވެ. 

ކޮންމެއަކަސް، ބަޣާވާތް ނުވަތަ ކޫޕް ޑިޓާ މާނަކުރެވެނީ އުފެދިފައިވާ ސަރުކާރެއްގެ ސިޔާސީ ބާރުތައް ކޮންޓްރޯލްގެ ދަށަށް ގެނައުމަށެވެ. މިއަދު އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކަށް ގަބޫލުކުރެވިފައި ނުވަތަ ވިސްނައި ދެވިފައިވާ ގޮތުންނަމަ ބަޣާވާތަކީ ސިފައިން ނުވަތަ ހަތިޔާރު އެޅި އެފަދަ ގްރޫޕަކުން ސަރުކާރާ ދެކޮޅަށް ނުކުމެ ސަރުކާރެއް ވައްޓާލުމެވެ. ނަމަވެސް ކަމުގެ ތަޖުރިބާކާރުން ވިދާޅުވަނީ ބަޣާވާތެއް ސިފަ ކުރުމުގައި ސިފައިން ނުވަތަ ހަތިޔާރު އެޅި އެފަދަ ބަޔަކު އޭގެ ތެރޭގައި ހިމެނުމަކީ ބަޣާވާތެއް ސިފަ ކުރުމުގައި ބަލާ މިންގަނޑެއް ނޫނެވެ.
އަޅުގަނޑުމެންނަށް މިހާރު އެންމެ ގިނައިން އަޑުއިވޭ "ކޫޕް ޑިޓާ" އަކީ ހަގީގީ އިނގިރޭސި ބަހެއް ނޫނެވެ. އެއީ ކުއްލިއަކަށް ސަރުކާރެއް ވައްޓާލުން ނުވަތަ ބާރުގެ ބޭނުންކޮށްގެން ސަރުކާރެއް ވައްޓާލުމޭ ބުނުމަށް އިނގިރޭސި ބަހުގައި ވަކި ބަހެއް ނެތުމުން ފަރަންސޭސި ބަހުގެ ތެރެއިން އިނގިރޭސި ބަހަށް ގެނަސްގެން ބޭނުން ކޮށްފައިވާ ބަހެކެވެ. 

ކޮންމެއަކަސް "ކޫޕް ޑިޓާ" ނުވަތަ ބަޣާވާތަކީ ކުއްލިއަކަށް ވަކިކަހަލަ ބާރެއްގެ ބޭނުން ކޮށްގެން، ހަޅުތާލުކޮށްގެން މުޒާހަރާ ކޮށްގެން ސަރުކާރެއް ވައްޓާލުމެވެ. އެހެންކަމުން އެސަރުކާރަކީ ކޮންމެ ގޮތަކަށް އުފެދިފައިވާ ސަރުކާރެއް ކަމަށްވިޔަސް އަދި ސަރުކާރެއް އުފެދުމަށްފަހު އެސަރުކާރަކުން ކިތަންމެ ވަރަކަށް ގާނޫނާ ޚިލާފު އަމަލުތައް ހިންގައި ގާނޫނު އަސާސީގެ ޗާޓުން ބޭރުގައި މަސައްކަތް ކުރަމުން ގެންދިޔަ ނަމަވެސް ސަރުކާރަކާ ދެކޮޅަށް ތެދުވުން ލަފްޒީ ގޮތުން މާނަކުރެވެނީ ކޫޕް ޑިޓާ ނުވަތަ ބަޣާވާތެއްގެ ގޮތުގައެވެ. 

ދުނިޔޭގެ އެކި ގައުމުތަކުގައި ހިނގާފައިވާ ބަޣާވާތްތަކަށް ބަލާއިރު އެފަދަ ބައެއް ބަޣާވާތް ތަކަކީ ސަރުކާރު ތަކުން ގާނޫނީ އިމުން ބޭރަށް ނުކުމެ ކޮރަޕްޝަނާއި ފަސާދައިގެ ނާޖާއިޒު އަމަލުތައް ހިންގައި ގާނޫނީ ސަރުކާރެއްގެ ނަމުގައި އޮވެ ރައްޔިތުންގެ ހައްގުތަކަށް އަރައިގަނެ ޑިމޮކްރެސީގެ ހިޔަނީގައި ޚުދުމުޚުތާރުކަމާއި ގޮށްމުށުގެ ބާރުން ވެރިކަންކޮށް ޝަރުޢީ ނިޒާމު ފުނޑުފުނޑު ކޮށްލައި ގާނޫނު ހަދާ މަޖިލިސް ހިޞާރުކޮށް ނުވަތަ އުވާލުމުން ރައްޔިތުން ނުވަތަ ސިފައިން ނުކުމެ ސަރުކާރުގެ ހިންގުން ބަދަލުކޮށް އެހެން ބަޔަކާއި ސަރުކާރުގެ ހިންގުން ހަވާލުކުރުމަށް ހިންގާފައިވާ ހަރަކާތްތައްވެސް ތާރީޚުގައި ސިފަކޮށްފައިވަނީ ބަޣާވާތްތަކުގެ ގޮތުގައެވެ. 

ވިކިޕީޑިޔާގައާއި އަދި ދުނިޔޭގެ މަޝްހޫރު ލިޔުންތެރިންގެ ސިފަ ކުރެއްވުންތަކަށް ބަލާއިރު ކޮންމެ ސިފައެއްގައި ހިންގަމުން ދިޔަނަމަވެސް ގައުމެއްގައި އުފެދިފައިވާ ސަރުކާރެއް ބަޔަކު ނުކުމެ ވައްޓާލުމަކީ ނުވަތަ ބަދަލުކޮށްލުން ސިފަ ކޮށްފައިވަނީ ބަޣާވާތް ނުވަތަ ކޫޕް ޑިޓާގެ ގޮތުގައެވެ. ކޮންމެ ސިފައެއްގައި ހިންގަމުން ގެންދިޔަ ނަމަވެސް މިޒަމާނުގެ ޑިމޮކްރެސީގެ ފޮތުގައި ވޯޓުން ނޫން ގޮތަކަށް، ސަރުކާރަކާއި ދެކޮޅަށް ބަޔަކު ނުކުމެ އަޑުއުފުލައި މުޒާހަރާ ކޮށްގެން ވެރިކަން ބަދަލުވެއްޖެ ނަމަ، މުޒާހަރާއޭ ނުވަތަ ކޫޕް ޑިޓާއޭ ނޫން އެހެން ނަމެއް އެއަށް ކިޔޭކަށް ނެތެވެ. އެނޫން ނަމެއް އިނގިރޭސި ރަދީފަކުވެސް ނެތެވެ. 

މިއަހަރުގެ ހަތެއް ފެބްރިއަރީގައި ރާއްޖޭގައި އޭރުގައި އޮތް މުހަންމަދު ނަޝީދުގެ ސަރުކާރު ބަދަލުވެގެން ގޮސްފައިވަނީ ބަޣާވާތަކުން ނުވަތަ ކޫޕް ޑިޓާ އަކުން ކަމަށް ބައެއް ފަރާތްތަކުން ބުނަމުން ދިޔަ ނަމަވެސް ވިކިޕީޑިޔާގައާއި އަދި ދުނިޔޭގެ އެކި ތަޖުރިބާކާރުން ލިޔެފައިވާ ލިޔުންތަކުގައި މިފަދަ ހަރަކާތެއް ބަޣާވާތެއްގެ ގޮތުގައި ސިފަކޮށްފައެއް ނެތެވެ. އަދި ރައްޔިތުންނާއި ސިފައިންނާއި ފުލުހުން ނުކުމެ ސަރުކާރާއި ދެކޮޅު ހަރަކާތްތަކެއް ހިންގި ނަމަވެސް ވެރިއަކު އަމިއްލައަށް އިސްތިޢުފާ ދެއްވައި ގެއަށްވަޑައިގަންނަވައި، ގާނޫނީ ހަމަތަކުގެ މަތީން ރައީސުލްޖުމްހޫރިއްޔާގެ ނާއިބް ސަރުކާރު ހިންގުމާ ހަވާލުވެ، ސިފައިންނާއި ފުލުހުން ގައުމު ހިންގުމުގެ އެއްވެސް ކަމެއްގެ ތެރެއަށް ނުވަދެ ގާނޫނު އަސާސީއާއި ޑިމޮކްރެސީގެ ހަމަތަކާއި އެއްގޮތަށް ސަރުކާރެއް ހިނގަމުންދާއިރު އެއީ ބަޣާވާތަކުން ކޫޕް ޑިޓާއަކުން ވެރިކަން ބަދަލުކުރުން ކަމަކަށް އެއްވެސް ފަރާތަކުން ސިފަ ކޮށްފައެއް ނުވެއެވެ. 

އެހެންކަމުން ހަތެއް ފެބްރިއަރީގައި ރާއްޖޭގައި ވެރިކަން ބަދަލުވެގެން ގޮސްފައިވަނީ ބަޣާވާތަކުން ނުވަތަ ކޫޕް ޑިޓާ އަކުން ކަމަށް އޭރު ވެރިކަމުގައި އޮތް ޕާޓީން ބުނަމުން ދިއުމަކީ ނުވަތަ އެހެން ފަރާތަކުން ބުނުމަކީ މައްސަލައެއް ނޫނެވެ. އެހެނީ ރާއްޖޭގައި ހިނގާދިޔަ ކަންތައްތަކަށްފަހު ވެރިކަން ހިންގުމުގައި ނުވަތަ ސިޔާސީ ބާރުތަކުގެ ތެރޭގައި ސަލާމަތީ ބާރުތަކުން ނުވަތަ ވަކި ގްރޫޕަކުން އަތްގަދަ ކުރަމުން ގެންދާތަނެއް ނުފެނެއެވެ. އަދި އެފަދަ ކަމެއް ހިނގަމަކުންވެސް ނުދެއެވެ. އަދި އެބުނާފަދަ ބަޣާވާތް ތަކަށްފަހު ކަން ހިނގާ އުސޫލުން ވެރިމީހާ ނުވަތަ ވެރިކަމުގައި ތިބި މީހުން މަރައި، ހައްޔަރުކޮށް ޖަލަށްލައި އެމީހުން އެކަހެރިކޮށްވެސް ހަދާފައެއް ނުވެއެވެ. 

ބަޣާވާތް ނުވަތަ ކޫޕް ޑިޓާގެ ލަފްޒީ މާނައަށް ބަލާއިރު ރާއްޖޭގައި ހިނގާފައިވަނީ ބަޣާވާތެއް ނުވަތަ ކޫޕް ޑިޓާއެއް ކަމަށް ބުނި ނަމަވެސް އެއީ ގާނޫނީ ގޮތުން ސުވާލު އުފެދޭ ކަމެއް ކަމަކަށް ގަބޫލެއް ނުކުރެވެއެވެ.
 


ދިޓީވީއަށް ޚިޔާލު ދެއްވުމަށް!