މިއީ އަޅުގަނޑުމެން ދަންނަވާ ވާހަކައެއްނޫނެވެ. މިއީ ހަގީގަތުގައި ތިޔަ ހީފުޅު ކުރެއްވި ގޮތަށް މިގައުމުގައި މިހާތަނަށް ހިންގާފައިވާ ބަޣާވާތްތައް ހިންގުމުގައި ބައިވެރިވެފައިވާ ކަމަށް ދިވެހި ތާރީޚު ހެކިދޭ އާއިލާއަކަށް ނިސްބަތްވެވަޑައިގަންނަވާ ގަލޮޅު ކެނެރީގޭ މުހަންމަދު ނަޝީދު އަމިއްލަފުޅަށް ވިދާޅުވި ބަސްފުޅެކެވެ.
މިދެންނެވި ބަޣާވާތްތަކަކީ ދިވެހި ތާރީޚު ހެކިދޭ، އަދި އެބަޣާވާތް ތަކުގެ ތަހުގީގުތައް ހިންގައި ބަޣާވާތުގައި ބަވެރިވި ފަރާތްތަކަށް ހުކުމް އިއްވައި އެހުކުމްތައް ތަންފީޒު ކުރެވިފައިވާ ބަޣާވާތްތަކެކެވެ. ރާއްޖޭގައި މިހާތަނަށް ބަޣާވާތް ކަމުގައި ޝަރުޢީ ގޮތުން ކަނޑައެޅި ސިއްކަ ޖެހިފައިވާ ބަޣާވާތްތަކަށް ނަޒަރު ހިންގާލާއިރު ނަޝީދު އެވިދާޅުވާ ބަޣާވާތަކީ ނުވަތަ ބާޣީންނަކީ ތިނެއް ނޮވެންބަރ 1988 ވަނަ އަހަރުގެ ބަޣާވާތުގައި ބައިވެރިވި ފަރާތްތައް ކަމަށްވާނަމަ އެލަގަބު އެންމެ ފުރަތަމަ ލިބިވަޑައިގަންނަވަނީ ނުވަތަ އެކަމުގެ ސިއްކަ އެންމެ ފުރަތަމަ ޖެހެނީ ނަޝީދުގެ އާއިލާގައި ކަމުގައި ތާރީޚު ހެކިދެއެވެ.
ކުށެއްނެތް އޮނަވިހި ދިވެހި ދަރީންގެ ލޭ މި ފަސްގަނޑަށް އޮހޮރާލައި ޝަހީދު ކޮށްލި މި ބަޣާވާތުގެ އެންމެ އަޑީގައި ނަޝީދުގެ އާއިލީ ބޭފުޅަކު ހުންނެވިކަން ޝަރީޢަތަށް ސާބިތުވެފައިވާއިރު މިބަޣާވާތް ގެނައި މީހުންނަށް ބާޣީންގެ ލަގަބުދީ އެމީހުން ދިރިއުޅޭ ގެދޮރުގައި ބޮޑުއަކުރުން، މިގޭގައި ދިރިއުޅެނީ ބާޣީންނޭ ލިޔެ އެމީހުން މަގުމަތީން ފެންނަ ކޮންމެ ފަހަރަކު އޭ، ބާޣީއޭ ގޮވަން ނަޝީދު ވިދާޅުވާނަމަ އެއަޑު އެންމެ ގަދައަށް، އެންމެ ގިނައިން އިވޭނެ ކަމަށް ފެންނަނީ ނަޝީދުގެ އާއިލީ ގޭގެ ތެރެއިން ނުވަތަ އެބޭފުޅުން އުޅުއްވާ ހިސާބުތަކުން ކަމުގައި ގަބޫލުކުރެވެއެވެ. އަދި މިއަށްވުރެ ކުރިއަށް އައިސް މިފަހުގެ ތާރީޚުގެ ތެރެއަށް ޖެހިލާއިރު ނަޝީދުގެ ސަރުކާރުގެ އެންމެ މަތި ފަޑީގައި ތިއްބެވި އިސް ބޭފުޅުންނަށް ނަޒަރު ހިންގާލުމުންވެސް ނަޝީދު މިވިދާޅުވާ ބާޣީގެ އަޑު އެންމެ ހަރުކޮށް އިވިގެންދާން ޖެހެނީ ނަޝީދުގެ ފަހަތްޕުޅުންނާއި ކުރިމަތިން ކަމުގައި ގަބޫލުކުރެވެއެވެ.
ނަޝީދުއަށް ވެރިކަން ލިބިވަޑައިގެންނެވުމާއެކު އެންމެ އަރިސް ބޭފުޅުންގެ ގޮތުގައި ބޮޑެތި މަގާމުތައް ދެއްވި ބޭފުޅުންގެ ތެރޭގައި ނޮވެމްބަރ ތިނެއްގައި އޮނަވިހި ދިވެހީން ޝަހީދު ކޮށްލި ބަޣާވާތުގައި އެންމެ ފުންމިނުން ބައިބެރިވެ ވަޑައިގެން ޝަރުޢީ ހުކުމްތައް އިއްވާފައިވާ ދިވެހި ތާރީޚު ހެކިދޭ މަޝްހޫރު ބާޣީ ޝާހިދާއި އަމީން ފައިސަލްފަދަ ބޭފުޅުން ހިމެނޭއިރު އެބޭފުޅުންނަށް ވަޒީރު ކަމާއި ސްޓޭޓް މިނިސްޓަރުކަމާއި އެޑްވައިޒަރކަން ދެއްވައި ތިނެއް ނޮވެމްބަރުގައި ގައުމުގެ ދިފާޢުގައި މޭ ދިއްކޮށްގެން ނުކުމެ ވަޑައިގެންނެވި މޫސާ އަލީ ޖަލީލުފަދަ ބޭބޭފުޅުން އެބޭފުޅުންނަށް ސެލިއުޓްކުރައްވަން ޖެއްސެވި ކަމީ ވަރަށް ހިތާމަ ހުރި، ފެންނާން އޮތް ހަގީގަތެކެވެ.
ދިވެހި ތާރީޚީ ފަތްފުށްތައް ހެކިދޭ ގޮތުން ނަޝީދުގެ ކާފާފުޅާއި ބޮޑުބޭބޭފުޅާއި ހަމައިން އައިސް ބައްޕާފުޅާއި ހަމައަށްވެސް މިދެންނެވި ލަގަބާއި ޝަރަފުވެރި ނަން ދެމިގެން އައިސްފައިވާއިރު ދިވެހި ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސުލްޖުމްހޫރިއްޔާއާއި، ޖެހިގެންއައި ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސުލްޖުމްހޫރިއްޔާއާއި ހަމަ މިޖުމްހޫރިއްޔާގެ ދެވަނަ ރައީސާއި ދެކޮޅަށް ބަޣާވާތް ހިންގުމުގައި އެންމެ އަޑީގައި ނަޝީދުގެ އާއިލީ ބޭފުޅުން ތިއްބެވި ކަމީ ތާރީޚު ހެކިދޭ އަދި ގިނަ ބޭބޭފުޅުންގެ ދޫފުޅުން އިވި އާންމުވެފައިވާ އަޑުތަކެކެވެ.
ކަންމިހެން އޮތްއިރު ނަޝީދު އެވިދާޅުވާ ބާޣީންގެ ލިސްޓުގެ އެންމެ ކުރިން ޖާގަ ލިބިވަޑައިގެން ހަގީގީ ބާޣީންގެ ސިއްކަޖެހިގެން ނަޝީދު އެވިދާޅުވާ ގޮތަށް ފެންނަހާ ތާކުން ބާޣީއޭ ގޮވަން ރައްޔިތުންނަށް ޖެހޭކަމަށްވާނަމަ ޝަރުޢީ ހަމަތަކުގެ މަތީންނާއި ތާރީޚު ހެކިދޭ ގޮތުން އެލިސްޓުގައި ގިނައީ ނަޝީދު އާއިލީ ބޭފުޅުން ކަމުގައި ތާޜީޚު ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވެއެވެ.
އެފަދަ ބޭބޭފުޅުންގެ ނަޒަރުގައި ނަޝީދުގެ ވެރިކަމުގައި ސަރުކާރުގެ އެންމެ މަތިފަޑީގައި ބާޣީންގެ ލަގަބު ލިބިވަޑައިގެންފައިވާ ބޭފުޅުން ބައިތިއްބަވައިގެން އެބޭފުޅުންގެ އިއްޒަތާއި ގަދަރު އުފުއްލަވަން ކުރެއްވި މަސައްކަތަކީ ދިވެހި ރައްޔިތުންނަށް ގޮންޖައްސަވައި ދިވެހި ދައުލަތުގެ އިއްޒަތާއި ކަރާމާތް ނަގާލުމަށް ކުރެއްވި މަސައްކަތެކެވެ. އަދި މިކަމަކީ ނަޝީދުގެ އާއިލާގެ ބޭފުޅުންނަށް ލިބިވަޑައިގެންނެވި ހުތުރުނަމާއި ލިބިވަޑައިގެންނެވި އަދަބުތަކުގެ ބަދަލު ދިވެހީންގެ ކިބައިން ހިއްޕެވުމަށް ހިންގެވި އަމަލެއް ކަމުގައި އެފަދަ ބޭފުޅުން ވިދާޅުވެއެވެ. ހަގީގަތުގައި ނަޝީދުގެ މިއަމަލަކީ ނޮވެމްބަރ ތިނެއްގެ ބަޣާވާތުގައި ޝަހީދުވެގެންދިޔަ އާއިލާތަކުގެ މޫނުމަތީގައި ޖެއްސެވި ވަރުގަދަ ތަފާލެއް ކަމުގައި ގަބޫލުކުރެވެއެވެ.
ފެބްރުއަރީ ހަތެއްގައި ހިނގާދިޔައީ ބަޣާވާތެއްކަމަށް ނަޝީދު އަމިއްލަފުޅަށް ނިންމަވައިގެން ސިއްކަ ޖައްސަވަން އުޅުއްވާއިރު އެދުވަހުވެސް ބަޣާވާތެއް ހިންގަވަން އުޅުއްވީ ނަޝީދު ކަމަށް މިހާތަނަށް ރާއްޖޭގައި މިނިވަން މުއައްސަސާއަކުން ކުރިއްޔާކުރި ދިރާސާއަކުން ނުވަތަ ތަހުގީގު ތަކުން ކަށަވަރުވާ ކަމަށް ދިރާސާކުރައްވާ ފަރާތްތަކުން ވިދާޅުވެއެވެ. ފެބްރުއަރީ ހަވަނަ ދުވަހުގެރޭ ނަޝީދު ހިންގަވަން އުޅުއްވި ބަޣާވާތް ކާމިޔާބުވި ނަމަ އެއީ ނަޝީދުގެ އާއިލާއަށް ނިސްބަތްވާ ފަސްވަނަ ބަޣާވާތުގެ ގޮތުގައި ސިއްކަ ޖެހިގެންދާނެ ކަމަށް އެފަދަ ފަރާތްތަކުން ވިދާޅުވެއެވެ.
ދިޓީވީއަށް ޚިޔާލު ދެއްވުމަށް!
ކިޔުންތެރިންގެ ޚިޔާލު (2)
28 އޯގަސްޓް 2012 - 23:40
ސާބަސް ތިއީ ހަމަ މީހުންނަކީ. މިހާރު ނަސީދު ބާޢީ އޭ ގޮވަންވީ އެބޭފުޅާގެ އާއިލީ ބޭފުޅުންނާއި ރައްޓެއިންނަށް. އަދި މިއުޅޭ ރީދޫހުންޖެހިގެން އުޅޭމީހުން ވެސް ބާޢީންނޭ ގޮވަންވީ އެމް.ޑީ.ޕީ މީހުންގަޔަށް ޑަގަނޑުހެރޭ ޕާޓީ މީހުންނާ ދިމާލައްކަން މިރިޕޯޓުންވެސް އެނގެ ހާމަވެއްޖެ. ސާބަސް.
24 އޯގަސްޓް 2012 - 17:07
ހަބޭސް ރިޕޯޓެއް
ޚިޔާލެއް ލިޔުއްވާ!