ފޯން ކޯލް އަޑު

27 ޖުލައި 2012 - 15:13

މި ގައުމުގައި ވެރިކަން ކުރެއްވި ވަލިއްޔުލް އަމުރާއި އޭނާގެ އެންމެ ގާތް މިގައުމުގެ ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރައްވާ ކަމަށްބުނާ ބޭފުޅެއްގެ ވިސްނުމާއި ފިކުރު ހުރި ގޮތް ތިބޭފުޅުންވަނީ އަޑުއައްސަވާފައެވެ.

ތިން އަހަރަށްފަހު އަމިއްލައަށް ވެރިކަން ދޫކޮށްލެއްވި ވެރިމީހާއާއި އޭނާގެ ވަށައިގެން އެނބުރޭ ނުވަތަ އޭނާއަށް އަލުން ވެރިކަން ހޯދައިދިނުމަށް ނުކުމެ އުޅޭ ފަރާތްތަކުގެ ވިސްނުންހުރި ހިސާބު މި ފޯންކޯލުން ކިތަންމެ ވަރަކަށްވެސް ސާބިތުވެއެވެ. އެމީހުންގެ މިއަދުގެވެސް އިއްޔެގެ ވެސް ވިސްނުމަކީ ގައުމު ހަލާކުކޮށްލައި ސުންނާފަތި ކޮށްލުން ކަމުގައި ސިޔާސީ ވިސްނުންތެރީން ވިދާޅުވަނީ އެމީހުންގެ ކިބައިން ފެނިފައިވާ ނުވަތަ ފެންނަމުންދާ މިފަދަ އަމަލުތަކުގެ ސަބަބުން ކަމުގައި ގަބޫލުކުރެވެއެވެ. ހެޔޮވެރިކަމެއްގެ ވާހަކަ ދައްކައިގެން، ޑިމޮކްރެސީއާއި އިންސާފާއި ހަމަހަމަ ކަމާއި ތަރައްގީގެ ވާހަކަ ރައްޔިތުންގެ ގާތުގައި ދައްކައިގެން ރައްޔިތުންގެ ރުހުން ހޯދުމަށް މަސައްކަތް ކުރާ މިބައިމީހުން ފަރުދާގެ ފުރަގަހުގައި ތިބެ ގޮވާލަމުން މިދަނީ ގައުމުގައި ހަމަނުޖެހުން ހިންގައި މުޅި ގައުމު ފަސާދަކޮށް ލޭ އޮހުރުވާ ވާހަކައެވެ. އެމީހުން އިއްޔެވެސް މިއަދުވެސް ވެރިކަން ބޭނުންވީ ރައްޔިތުންގެ ހެވާއި ލާބަޔަށް ނޫންކަން އެމީހުންގެ މިފަދަ ބަސްތަކުންނާއި އަމަލުތަކުން ކަށަވަރުވެ ޔަގީންވެއެވެ.

ރައްޔިތުން ވެރިކަން ހަވާލު ކުރުމުން ރައްޔިތުންގެ ބެއިތުލްމާލަށާއި ރައްޔިތުންގެ ހަރުމުދަލާއި މެދު ހިތުހުރި ގޮތަކަށް ކަން ކުރުމަށްފަހު ބައި މީހުންނަށާއި ގާތް މީހުންނަށާއި ވެރިކަން ހޯދައިދިނުމުގައި ވާގިވެރިވެދިން ޔަހޫދީންނަށް ބައި އަޅައިގެން ކަހާ ހުސްކޮށްލުމަށްފަހު ގޮތް ހުސްވެގެން ވެރިކަން ދޫކޮށްލައްވާފައި ނުކުމެ ވަޑައިގެން ދެންވެސް މަސައްކަތް ކުރެއްވީ ރައްޔިތުންގެ މުދަލުގައި ހުޅުޖަހައި ގައުމު ފަސާދަ ކުރުމަށެވެ. މިއަދު މިފެންނަނީ މުޅި ގައުމުގެ ރައްޔިތުންގެ އުއްމީދުތަކާއި ގިނަ ބައެއްގެ ދިރިއުޅުމާއި ގުޅިފައިވާ ގައުމުގެ މޫނު މަތީގެ ގޮތުގައި ބެލެވޭ ވެރިރަށުގެ އަމަން އަމާންކަން ނަގާލައި މާރާމާރީ ހިންގައި ލޭއޮހޮރުވާ މައިދާނަކަށް މިބިން ހެދުމަށް މަސައްކަތް ކުރަމުންދާ މަންޒަރެވެ.

ވެރިރަށުގެ އަމަންއަމާންކަން ނަގާލައި ލޭއޮހޮރުވައި އެބިމުގައި ހަމަނުޖެހުން ހިންގުމަށް މިފަދަ ރޭވުންތައް ރާވައި އަމަލީ ގޮތުން އެކަންކުރަމުންދާއިރު މިކަމުގެ ސަބަބުން މި ދިވެހި ރާއްޖެއަކީ އަމާން ހަމަޖެހޭ ތަނެއް ނޫންކަން ބޭރުގެ ފަރާތްކަށް ލޭބަލް ކުރެވިގެންދާއިރު މިކަމުގެ ސަބަބުން ދިވެހީންގެ ހިތްތަކުގައި އުފެދޭ ނުތަނަވަސް ކަމާއި ބިރުވެރިކަން ވަކީން ކުޑަނޫން ކަމުގައި ދަންނަވަންޖެހެއެވެ. މާލެއަކީ މިފަދަ ނާންމާން ބިރުވެރި ތަނަކަށް ހަދަން ބަޔަކު މަސައްކަތްކޮށް އަމަލީ ގޮތުން އެކަން ދައްކަމުންދާއިރު މާލޭގެ އުތުރާއި ދެކުނާއި މެދުރާއްޖެތެރޭގައި ތިބި މައިންނާއި ބަފައިންގެ ދަރީންގެ ތެރެއިން ތަޢުލީމު އުނގެނުމަށާއި ވަޒީފާ އަދާކުރުމަށް މި ބިމުގައި އައިސް ވަޒަންވެރިވެގެން ތިބި ދަރީންނަށް ރައްކާތެރިކަމެއް އަމާންކަމެއް ނެތްކަން މިއަދު ޔަގީންވާހާލު އެމައިންބަފައިން ތިބެން ޖެހޭނީ ކަންބޮޑުވެ ހާސްކަމެއްގެ ތެރޭގައިކަމީ ކަށަވަރުވެ ޔަގީންވާ ކަމެކެވެ.

މާލޭގެ ވެށްޓަކީ ބިރުވެރި ނުރައްކާތެރި ވެއްޓަކަށް ވުމުން އުތުރާއި ދެކުނާއި މެދުރާއްޖެތެރެއިން އެކި މުހުތާދު ތަކުގައި މާލެއަށް އަންނަ ރައްޔިތު މީހާ މިއަދު ހުރީ އެބިމަށް އެރުމަށް ޖެހިލުންވެ ކަންބޮޑުވެފައި ކަމީ ޔަގީންވާ ކަމެކެވެ. މިކަންކަން އެނގިތިބެ މިބިމަކީ އެންމެ ހަމަނުޖެހުން ބޮޑު ބިރުވެރި ބިމަށް ހެދުމަށް ބަޔަކު އަޑީގައި ތިބެ ރާވައިގެން މަސައްކަތް ކުރަމުންދާކަން އެނގި ކަށަވަރުވާއިރުވެސް މިގައުމުގެ ބޮޑުންނާއި ކަމުވޮށިގެންވާ މީހުންނާއި ޒިންމާތައް ކޮނޑުގައި އެޅިފައިވާ ފަރާތްތަކުން މިދައްކަނީ ގާނޫނެއްގެ ވާހަކައެވެ.

އެކި މުއައްސަސާ ތަކުގެ ނާގާބިލު ކަމުގެ ވާހަކައާއި ޒިންމާ އަދާނުކުރާ ވާހަކަ. ކަނޑައެޅިގެން ހަމަނުޖެހުން ހިންގައި މާރީމާރީ ހިންގައި މީހުން މަރާ ޗިސްޗިސް ކުރަން އެއްބަޔަކު ގޮވައި އަނެއް ބަޔަކު ފަހަތުން ނުކުމެ އެކަން އެގޮތަށް ކުރަމުންދާއިރުވެސް ރައްޔިތުންގެ މަންދޫބުން ޖަލްސާ ކުރާ މާލަމުގައި ކޮންމެ ދުވަހަކު ދައްކަވަނީ ވެރިކަން ވެއްޓުނު ވާހަކައާއި ވެރިކަން ހޯދާވާހަކައެވެ. މިއީ މިއަދު އާންމު ޚިދުމަތްތެރިޔާވެސް މުއްސަނދި ވިޔަފާރި ވެރިޔާވެސް އޮޑިވެރިޔާވެސް މަސްވެރިޔާވެސް އަދި ޓެކްސީ ޑްރައިވަރުވެސް ވިސްނާލަން ޖެހޭ މައްސަލައެކެވެ. މިއެންމެންގެ އާމްދަނީއާއި ދަރީންގެ ތަޢުލީމާއި ދިރިއުޅުމާއި ގުޅި ލާމެހިފައިވާ ވެރިރަށް، މާލެއަކީ ހަމަޖެހުމެއްނެތް ރައްކާތެރިކަމެއް ނެތް އަމާންކަމެއް ނެތް ލޭ އޮހޮރުވުމުގެ މައިދާނެއްގެ ގޮތުގައި ހެދުމަށްޓަކާ ބަޔަކު ފާޅުގައި މަސައްކަތް ކުރަމުން ގެންދާއިރު އެކަމާ ދެކޮޅަށް މިދެންނެވި އާންމު ރައްޔިތުން ނުނުކުމެ މިއަދު ފަރުޖެއްސޭން ނެތްކަމީ ކަށަވަރުވެ ޔަގީންވާ ކަމެކެވެ.

އަމިއްލަ އެދުމުން ފުރިގެންވާ ބަޔަކު ނުކުމެ މުޅި ގައުމުގެ އަމާންކަމާއި ހަމަޖެހުން ގެއްލުވާލައި މުޅި ގައުމުގެ އިގުތިޞާދު ހަލާކުކޮށް ފުނޑުފުނޑު ކޮށްލައި ދުނިޔޭގެ ކުރިމަތީގައި ދިވެހި ރައްޔިތުންގެ އަގުވައްޓާލައި ބަރަހަނާ ކުރަމުން ދާއިރު މިދެންނެވި ރައްޔިތުން ދުރުގައި ކުޅިބަލަން ތިބެއްޖެނަމަ އަންނާން އޮތް ޖީލުތަކަށް ވާސިލު ކޮށްދޭނެ އެއްވެސް އެއްޗެއް މިގައުމުގައި ނޯންނާނެ ކަމީ ކަށަވަރުވެ ޔަގީންވާ ކަމެކެވެ.


ދިޓީވީއަށް ޚިޔާލު ދެއްވުމަށް!