ދިވެހިރާއްޖޭގައި ބްރޯޑްކާސްޓިންގ ގެ ޚިދުމަތް މިހާރުވެސް ދެމުން ގެންދާ އަމިއްލަ ބައެއް ބްރޯޑްކާސްޓަރުން، ޚިދުމަތް ފުޅާކުރުމުގެ ހުއްދައަށް އެދިފައިވަނީ އާ ޓެކްނޮލެޖީ މެދުވެރިކޮށްގެން ކަމަށް ބުނެފައިވާތީ އެޓެކްނޮލެޖީގެ މައުލޫމާތު ސާފްކުރުމަށްފަހު އެފަރާތްތަކުގެ ޚިދުމަތް ފުޅާކުރުމަށް ހުއްދަ ދިނުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ނިންމައިފިއެވެ.
ދިޓީވީއަށް މައުލޫމާތު ދެއްވަމުން ބްރޯޑްކާސިޓިން ކޮމިޝަނުގެ ރައީސް ބަދުރުއް ނަސީރު ވިދާޅުވީ ދިޓީވީއާއި ވީޓީވީ ހިންގަމުންގެންދާ ފަރާތްތަކުން އެފަރާތްތަކުގެ ޚިދުމަތް ފުޅާކުރުމަށް ހުށަހަޅާފައިވަނީ ޒަމާނީ ވަޞީލަތްތަކުގެ ބޭނުންކޮށްގެން ޚިދުމަތް ފުޅާކުރުމުގެ ހުއްދައަށް ކަމަށްވާތީ އެވަސީލަތްތަކަކީ ކޮބައިތޯ ބެލުމަށް މިހާރު އެސްޓޭޝަންތަކަށް ހުށައަޅާފައިވާނެ ކަމަށެވެ. އަދި މި މައުލޫމާތު ސާފްކުރުމަށްފަހު އެހެންފަރާތްތަކަށްވެސް ހުއްދަ ދީފައިވާ އުސޫލުން ޚިދުމަތް ފުޅާ ކުރުމުގެ ހުއްދަ އެދެތަނަށްވެސް ދޭނެކަމަށް ބަދުރު ވިދާޅުވިއެވެ. ބަދުރު ވިދާޅުވީ ބްރޯޑް ކާސްޓްކުރާ ފަރާތްތައް ބޭނުންވާ ކަންތައްތައް ގާނޫނާއި ގަވާއިދު ތަންދޭ އެންމެ ބޮޑަކަށް، ހުރިހާ ފަރާތްތަކަށް ވެސް އެއްއުސޫލަކުން ކޮށްދޭނެކަމަށެވެ. ބަދުރު މިހެން ވިދާޅުވި ނަމަވެސް ރާއްޖޭގައި އެންމެ ފަހުން އުފެދުނު ބްރޯޑްކާސްޓަރަށް ޚިދުމަތްދޭން ބްރޯޑްކާސްޓިންގ ކޮމިޝަނުން ރިޢާޔަތް ކުރީ ބްރޯޑްކާސްޓިންގ ގާނޫނުގެ މާއްދާއެއްގެ އަކުރެއްގެ ދަށުން އެފަރާތަށް ލިބިދޭ ހަނި ފުރުސަތެއްގެ ބޭނުން ކޮށްގެން ކަމަށްވާއިރު އެކަން ކޮށްފައިވަނީ ގާނޫނުގައިވާ ގޮތަށް އިޢުލާނެއް ކޮށްގެން ކޮން މައުލޫމާތެއް ސާފުކޮށްގެން، ކޮން އުސޫލަކުންކަން ހާމަކޮށްފައި ނުވާކަން ފާހަގަކޮށްލެވެއެވެ.
ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ބްރޯޑްކާސްޓިންގ ޚިދުމަތް ތަރައްގީކުރުމަށް އިއްޔެ ހުއްދައަށް އެދުނު ސަން އެފްއެމްގެ ހިދުމަތް މުޅި ރާއްޖެއަށް ދިނުމަށް ބޭނުންވާ ހުއްދަ އެފަރާތަށް މިއަދު ވަނީ ދީފައެވެ. މުޅި ރާއްޖެއަށް ބްރޯޑްކާސްޓްކުރުމުގެ ހުއްދަ ހުރިހާ މީޑިއާތަކަށް ވެސް އެއްވެސް ހިފެހެއްޓުމެއްނެތި ދިނުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިންވެސް މިއަދު ވަނީ ގޮވާލާފައެވެ.
އެމްޖޭއޭއިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ މުޅި ރާއްޖެއަށް ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް، ރާއްޖޭގެ ބްރޯޑްކާސްޓަރުންނަށް ދޫކުރަން ފަށާފައިވާތީ އެ ޖަމިއްޔާއިން މަރުހަބާ ކިޔާ ކަމަށާއި، މިނިވަންކަމާއެކު މުޅި ރާއްޖެއަށް ހަބަރު ފެތުރުމަށް އެއްވެސް ފިއްތުމެއް ހިފެހެއްޓުމެއްނެތި ލިބިގެންދިއުމަކީ ރާއްޖޭގެ ރައްޔިތުންނަށް ތަފާތު މައުލޫމާތުތައް ލިބިގަތުމަށް ފުރުސަތު ލިބި ތަފާތު ހިޔާލުތަކަށް ޖާގަ ހުޅުވިގެންދާނެ ކަމެއްކަމަށެވެ.
ތިންވަނަ ފަރާތެއްގެ ޚިދުމަތް ބޭނުން ނުކޮށް މުޅި ރާއްޖެއަށް ދިޓީވީގެ ޚިދުމަތް ފޯރުކޮށްދިނުމަށް ޓެރަސްޓްރިއަލް ލައިސަންސް ހޯދުމަށް 2009 ވަނަ އަހަރުން ފެށިގެން ދިޓީވީން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް ބްރޯޑްކާސްޓިންގ ކޮމިޝަން ވުޖޫދަށް ނާންނަ އިރުވެސް އަދި އެކޮމިޝަން ވުޖޫދަށް އައިފަހުންވެސް އެކި ބަހާނާތައް ދައްކައި އެކި ތާރީޚުތައް ދީ ލައިސަންސް ދޭނެ ކަމަށް އަންގަމުން ގޮސް، މިއަދާ ހަމައަށްވެސް އެކަން ކޮށްދީފައި ނުވާކަން ފާހަގަކޮށްލެވެއެވެ. މިގޮތުން ކޮމިޝަން އުފެދުނުފަހުންވެސް މިހުއްދަ ދޭނެ ކަމަށް ބުނެ ހުސްވި އަހަރުގެ އޮކްޓޫބަރ މަހުން ފެށިގެން އެކި ތާރީޚުތައްދީ ހަދާފައިވާކަން ފާހަގަކޮށްލެވެއެވެ.
އެންމެ ފަހުން މިޚިދުމަތް ދިނުމުގެ ގޮތުން ޓެސްޓް ސިގްނަލް ދިނުމަށް މިއަހަރު ދިޓީވީން އެދުމުންވެސް ކޮމިޝަނުން ބުނެފައިވަނީ ވަރަށް އަވަހަށް އެކަމަށް އިޢުލާން ކުރަން އުޅޭތީ ޓެސްޓް ސިގްނަލް ދިނުމުގެ ހުއްދަވެސް ދެވެން ނެތްކަމަށެވެ. ގާނޫނު އަސާސީގައިވާ ގޮތުން ދިޓީވީއަށް މިލައިސަންސް ނުދީ ނުހިފެހެއްޓޭނެކަމަށް ބުނެ ދިޓީވީއަށް އެފުރުސަތު ލިބިދިނުމަށް ހިއުމަންރައިޓްސް ކޮމިޝަނުންވެސް ވަނީ ކަމާބެހޭ ފަރާތްތަކަށް މީގެކުރިން އަންގާފައެވެ.
ދިޓީވީއަށް ޚިޔާލު ދެއްވުމަށް!
ކިޔުންތެރިންގެ ޚިޔާލު (1)
23 02 2012 - 07:57
މީމައްސަލައަކީ އަބަދުވެސް ތަފާތުކުރުމުގެ ސަގާފަތްމިއޮންނަނީ ފަހެމީކީ މަސްލަހަތު ގެއްލުވާލުމެއް ނޫންބާ ވަކިބަޔަކަށް ހުއްދަދިނުމުގެ ބަދަލުގައި އެންމެން އެއްކޮށް ބަލަންވާވަރަށް ބެލުމަށްފަހު ހުއްދަދިންނަމަ ފުރިހަމަވީސް ކޮންމެބަޔަކުވެސް އުޅެނީ މާބޮޑަށް ކަންތައްތައް އެނގޭ މޮޅުކޮށް ކަންތައްތައް ކޮށް ތިމާމެންނަކީ ޑިމޮކްރަސީއަށް އަދި ގާނޫނާ ގަވާއިދަށް ކަންކަން ކުރާބަޔެއްކަން ދައްކަން އޭގެބަދަލުގައި ހުރިހާއެންމެންވެސް އެއްގޮތަކަށް މަސައްކަތް ކުރަމާދޯ
ޚިޔާލެއް ލިޔުއްވާ!